އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އޮފީހަށް ވަޑައިނުގަންނަވާތާ ތިން މަސް ވެއްޖެ އެވެ. އެހެން ނަމަވެސް އޭނާއަށް ބަރާބަރަށް މުސާރަ ލިބިވަޑައިގަންނަވަ އެވެ.

އެނގިފައިވާގޮތުގައި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ލުތުފީ ވަނީ އަހަރީ ޗުއްޓީއެއް ނަންގަވައިފަ އެވެ. އެހެން ނަމަވެސް ކޮމިޝަނުން ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނި ގޮތުގައި ލުތުފީގެ އަހަރީ ޗުއްޓީ ހަމަވި ފަހުން ވެސް އެތައް ދުވަހެއް ވެއްޖެ އެވެ. އަދި އޭނާގެ ޗުއްޓީއާ ބެހޭ ގޮތުން އެއްޗެއް އަންގަވާފައެއް ވެސް ނުވެ އެވެ.

ލުތުފީއަށް ތުހުމަތު ކުރެވޭ މަނީ ލޯނަޑްރިންގެ މައްސަލައެއް ފުލުހުން ބަަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ހިޔާނާތުގެ ފައިސާ ދައުރު ކުރުމަށް ބޭނުން ކުރި އެސްއޯއެފްގެ އެކަންޓު މެދުވެރިކޮށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބައެއް މެމްބަރުންގެ އާއިލާތަކަށް ވެސް ފައިސާ ލިބުނު ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މީގެ ކުރިން ވަނީ ތުހުމަތުކުރައްވައިފަ އެވެ.

ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީގެ މެންބަރުން މަޖިލީހަށް ހާޒިރު ކުރިއިރުވެސް ލުތުފީ ވަޑައެއް ނުގަންނަވަ އެވެ.

ލުތުފީ ރަސްމީ ވަޒީފާ އަށް ނުކުމެވަޑައިނުގެންނެވި ނަމަވެސް އޭނާ އަށް ގަވައިދުން މުސާރަ ހިނގާކަން ވަނީ ކަށަވަރު ވެފަ އެވެ.

މިކަމާ ގުޅޭގޮތުން އޭސީސީގެ ބަހެއް ނުލިބުނެވެ. އަދި ލުތުފީއަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ވެސް ނުދެއްވަ އެވެ.