ލަންކާގެ ސިފައިން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި ދިވެހިންގެ ތެރެއިން ހައްޔަރުގައި މިވަގުތު ތިބީ އަށް މީހަކު ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ސިފައިން މިހާރު ހިންގާ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި 13 ދިވެހިންގެ ތެރެއިން މިވަގުތު ހައްޔަރުކޮށްފައި ތިބީ ޖުމްލަ އަށް މީހަކު ކަމަށެވެ. އެއީ، ހައްޔަރު ކުރުމަށް ފަހު ކޯޓުން ބަންދުގެ މުއްދަތު ޖަހައިދިން ފަސް މީހަކާއި އަދި ކޯޓްގެ މުއްދަތަށް ހާޒިރު ނުކޮށް ފުލުހުންގެ ބަންދުގައި ތިބި ތިން ދިވެއްސެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަނެއް ހަ މީހުން ވަނީ ދޫކޮށްލައިފަ އެވެ. ލަންކާްއިން ދިވެހިން ހައްޔަރު ކުރަނީ އެ ގައުމުގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެނެއް ނޫނެވެ. އެހެން ނަމަވެސް، އެ ގައުމުގެ ސިފައިން މިހާރުު ހިންގަމުން ގެންދާ އޮޕަރޭޝަންތަކުގައި ދިވެހިން ހައްޔަރު ކުރީ ވިސާގެ މައްސަލަތަކާއި ފޭކް ލައިސަންސެއްގެ ދަށުން ރައިފަލް ގެންގުޅުން އަދި އައިއެސް އުފެދުނު ގޮތާ ގުޅޭ ގޮތުން ލިޔެފައިވާ ފޮތެއް އުޅުނު ގެއިން ފެނިގެން އެވެ.

ވިސާ މައްސަލައަކާ ގުޅިގެން ރޭ ވެސް ލަންކާ ސިފައިންގެ ޗެކްޕޯސްޓަކުން ތިން ދިވެހިން ހައްޔަރު ކުރި އެވެ. އޮފިޝަލް ވިދާޅުވީ އެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު ޖަހާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްޔަރު ކުރާ މީހުންގެ ކަންކަން އެމްބަސީއިން ގެންދަނީ ކައިރިން ބަލަމުން އެވެ. އެމްބަސީއިން ގެންދަނީ އެ މީހުން ހައްޔަރުކޮށްފައި ތިއްބައި ބައްދަލުކޮށް ހާލުވެސް ބަލަމުން ކަމަށާއި އަދި މުއްދަތު ޖަހާ މަޖިލިސް ތަކަށް ވެސް އެމްބަސީގެ އޮފިޝަލުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންސިއުލާ ސާވިސް ހަމަވީ އެންމެ ރަނގަޅަކަށް އަޅުގަނޑުމެން ދެން. ދިވެހިންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ހުއްޓާ ނުލާ އެމްބަސީއިން އެބަ ކުރޭ،" އޮފިޝަލް ވިދާޅުވި އެވެ.