އަލަށް އިންތިހާބުވި ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް މެމްބަރުން ހުވާ ކުރުމަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި މަޖިލިސް ރިޔާސަތު ބަލަހައްޓަވާނީ، މީދޫ ދާއިރާ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހަމަދު ކަމަށް ރައްޔިތުންގެ މަޖިލިސް އިދާރާ އިން ބުނެފި އެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިއްޔެ ނިމިފައިވާ އިރު، އަލަށް އިންތިހާބުވާ މަޖިލިސް ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލިސް އިދާރާ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އަންނަ މަހު 28 ވަނަ ދުވަހު އާ 19 ވަނަ މަޖިލިސްގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް މަޖިލިސްގެ ރައީސް ގާސިމް އިބްރާޙިމް ނިންމަވާފައިވާ ކަމަށާއި ހުވާ ކުރުމުގެ ރަސްމިއްޔާތައް ފަހު ބާއްވާ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ސިޔާމް ކަމަށެވެ.

"ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، މީދޫ ދާއިރާގެ އިއްޒަތެރި މެމްބަރު އަހްމަދު ސިޔާމް މުހައްމަދު،" މަޖިލިސް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީގެ 82 މާއްދާގައި (ހ) ގައި ބުނެފައިވަނީ، އަލަށް އިންތިހާބުވާ މަޖިލިސްގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، ޖަލްސާއަށް ހާޒިރުވެތިބި މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ. އަދި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރުންތަކެއް ތިިބި ނަމަ، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، އެ މެމްބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ މެމްބަރު ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ.

އަލަށް އިންތިހާބުވި މެމްބަރުންގެ ތެރެއިން މެދުނުކެނޑި އެންމެ ގިނަ ދުވަހު މެމްބަރުކަން ކުރެއްވީ، ސިޔާމް އާއި އައްޑޫ ސިޓީ، ހިތަދޫ އުތުރު ދާއިރާ އަށް ހަތަރު ވަނަ ދައުރަކަށް އިންތިހާބުވި، އެދާއިރާ މެމްބަރު މުހައްމަދު އަސްލަމް އެވެ. ނަމަވެސް އެ ދެ މެމްބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ ސިޔާމެވެ. ސިޔާމް އަސްލަމަށް ވުރެ އެއް އަހަރު ދޮއްޓެވެ.

ސިޔާމް އާއި އަސްލަމް އަކީ 2004 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލިސް މެމްބަރުކަން ކުރައްވަމުން އަންނަ ދެ މެމްބަރުންނެވެ. އެގޮތުން އިއްޔެ ނިމިގެން ދިޔަ ދައުރާއެކު ރައްޔިތުންގެ މަޖިލިސްގެ ތިން ދައުރެއް އެ ދެމެމްބަރުން ވަނީ އަދާކުރައްވައިފަ އެވެ.

ގާނޫނު އަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަލަށް އިންތިހާބުވާ މެމްބަރުން ހުވާ ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 208 މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސް ރައީސް ކުރައްވަން ޖެހޭ ކަމެކެވެ.

އެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނީ، އެގޮތުގެ މަތިން މަޖިލިސް މެމްބަރުން ހުވާ ކުރެއްވުމާ ގުޅޭ ކަންކަން މިހާރު ރައްޔިތުންގެ މަޖިލިސް އިދާރާ އިން ކުރަމުންދާ ކަމަށެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ރައްޔިތުން މަޖިލިސް ކުރާ ގޭގައި އަންނަ މަހުގެ 28ގެ ރޭގަނޑު 9:30 ގައެވެ.

މިމަހު ހަވަނަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށް އާދަޔާ ހިލާފު ބޮޑު އަގުލަބިއްޔަތެއް ހޯދާފައިވަނީ، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ފަސް ގޮނޑި ލިބުނު އިރު، އެ ޕާޓީއާއެކު އިންތިހާބުގައި މަސައްކަތް ކުރެއްވި، އިދިކޮޅި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއަށް ކާމިޔާބު ކުރެވުނީ، އަށް ގޮނޑި އެވެ. އެމްޑީއޭ އަށް ދެ ގޮނޑި ލިބުނު އިރު، އަމިއްލަ ގޮތުން ވާދަކުރި ހަތް ކެންޑިޑޭޓަކު ވަނީ އަލަށް އިންތިހާބުވި މަޖިލީހަށް ހޮވިވަޑައިގެންފަ އެވެ.