30 Apr 2019, 13:38
ޓޮކިޔޯ (އޭޕްރިލް 30): ޖަޕާނުގެ އެމްޕެރާ އަކިހިޓޯ ތަހުތުން ފައިބައިވަޑައިގެންފި އެވެ. އެއީ ފާއިތުވި 202 އަހަރު ތެރޭ އެގައުމުގެ އެމްޕެރާއަކު އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރެވެ.
އެމްޕެރާ އަކިހިޓޯ އިސްތިއުފާ ދެއްވި ތާރީހީ ވަގުތުކޮޅު އެގައުމުގެ ޓީވީތަކުން ވަނީ ލައިވްކޮށް ދައްކާފަ އެވެ. އެރަސްމިއްޔާތުގައި އެމްޕެރާ އަކިހިޓޯ ވަނީ ތަގުރީރު ކުރައްވާފަ އެވެ. އަދި އެރަސްމިއްޔާތުގައި އެމްޕްރެސް މިޗިކޯ އާއި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި އަނބިކަނބަލުން އަކިއެ އަބޭ ބައިވެރިވެވަޑައިގެންނެވި އެވެ.
"އަޅުގަނޑަށް އަބަދުވެސް ވަނީ ގައުމުގެ ލޯބި ލިބިފައި... އަޅުގަނޑު އެދެނީ މިގައުމަށާއި ދުނިޔެއަށްވެސް އަމަންކަމާއި ފާގަތިކަން،" އަކިހިޓޯގެ ތަގުރީރުގައި ވިދާޅުވި އެވެ.

ޖަޕާންގެ އެމްޕެރާގެ ތަހުތަށް ދެން އިސްކުރާނީ ވަލީއަހުދު ނަރުހިޓޯ -- ފޮޓޯ: އީޕީއޭ
އެމްޕެރާ އަކިހިޓޯގެ ދައުރު ނިމޭނީ މިރޭ ދަންވަރެވެ. އަދި މާދަމާ އަކިހިޓޯގެ ދޮށީ ދަރިކަލުން އަދި ވަލީއަހުދު ނަރުހިޓޯގެ ދައުރު ފެށޭނެ އެވެ. ނަމަވެސް ރަސްމީގޮތެއްގައި ނަރުހިޓޯ ތަހުތަށް އިސްވެވަޑައިގަންނަވާނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
މީގެ ކުރިން ޖަޕާނުގެ ގާނޫނުތަކުގައި އޮންނަ ގޮތުން އެމްޕެރާގެ މަގާމަކީ އުމުރު ދުވަހަށް އަދާ ކުރަން ޖެހޭ ޒިންމާއެކެވެ. ސަބަބަކީ، ޖަޕާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން އިސްތިއުފާ ދިނުމަކީ ސިޔާސީ ކަމަކަށް ވާ އިރު، ޝާހީ އާއިލާއަށް ގައުމުގެ ސިޔާސީ އެއްވެސް ކަމެއްގައި ޝާމިލުވުމުގެ ފުރުސަތެއް ގާނޫނު އަސާސީން ނުދޭތީ އެވެ.
ނަމަވެސް އުމުރުފުޅުން 85 އަހަރުގެ އަކިހިޓޯ ވަނީ އުމުރުފުޅުން ދުވަސްވުމުގެ ސަބަބުން މަގާމުގެ މަސްއޫލިއްޔާތުތައް މުސްތަގުބަލުގައި އަދާ ނުކުރެއްވިދާނެ ކަމުގެ ކަންބޮޑުވުން 2016 ވަނަ އަހަރު ފާޅުކުރައްވާފަ އެވެ. އޭގެ ސަބަބުން ޖެހިގެން އައި އަހަރު އެގައުމުން ވަނީ އެމްޕެރާއަށް އިސްތިއުފާ ދެއްވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފަ އެވެ.
ޖަޕާނުގައި އެންމެ ފަހުން ރަސްކަލަކު މަގާމު އަމިއްލަފުޅަށް ދޫކުރައްވާފައި ވަނީ 1817 ވަނަ އަހަރު، އޭރުގެ އެމްޕެރާ ކޮކަކޫ އެވެ.