ޝަރުއީ ދާއިރާ އިންސާފުން އެއްކިބާވެގެން މަސައްކަތް ކުރާ ކަމަށް ބުނެ، ވެރިކަން ކުރާ އެމްޑިޕީން މިއަދު މުޒާހަރާ ކުރަން ނުކުތުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

މިގޮތަށް ފާސް ކުރީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ ދީދީ ގައުމީ މަޖިލިހަށް މިއަދު ހުށައެޅި ގަރާރަށް ބަހުސް ކުރުމަށްފަހު ހާޒިރުވި 68 މެމްބަރުންގެ އިއްތިފާގުންނެވެ.

މި ގަރާރު ހުށަހަޅުއްވަމުން މާރިޔާ ވިދާޅުވީ ސަރުކާރާށާއި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތައް ކޯޓަތަކަށް ގެންގޮސް ގޯނާކުރުން ކުރީގެ ސަރުކާރުގައި ތިއްބެވި ނުފޫޒުގަދަ ބޭފުޅުންނާއި ގުޅިން ހިންގަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުން އިންތިހާބުކޮށް ރައްޔިތުން ތާއީދުކުރާ ބަޔަކު ސަރުއީ ދާއިރާ އިސްލާހުކުރުމަށް ތެދުވަން ޖެހޭކަމަށް ކުރިއާއި މިހާރުވެސް ގަބޫލު ކުރާކަމަށާއި ކޯޓްތަކުގެ ޝަކުވާ ވަރަށް ގިނަ އަދަދަކަށް އާއްމުންގެ ފަރާތުން ކުރާތީ މިއީ މިކަން ނިންމަންޖެހޭ ދަނޑިވަޅުކަމުން އެ ގަރާރު ހުށައެޅުއްވީ ކަމަށެވެ

http://sun.mv/albums/l_2045.jpg
"އެމްޑީޕީގެ ގައުމީ މަޖިލިސް އިގުރާރުވަނީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ކޯޓްތައް ބޭނުން ކޮށްގެން ގޯނާ ކުރަމުން ގެންދާތީވެ މިކަމާ ދެކޮޅަށް އެމްޑީޕީއަށް ތާއީދުކުރާ އެންމެން މުޒާހިރާކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުން އިގުރާރުވާ ކަމަށެވެ" ގަރާރުގައި ވެއެވެ.

އެމްޑީޕީގެ ޕާލިމެންޓް ގުރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގަރާރަށް ތާއީދުކޮށް ވިދާޅުވީ އޭނާ ތަމްސީލްކުރާ ދާއިރާގެ މެމްބަރުން، ގަރާރަށް ތާއީދު ކުރާ ކަމަށާއި މިހާރު ފެންނަމުންދަނީ އެމްޑީޕީއަށް ތާއީދުކުރާ މީހުންނަށް އެކިއެކި ހުކުމްތައް އިއްވަމުންގެންދާ މަންޒަރުކަމަށެވެ.

އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވީ ކޯޓްތަކުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ ސިޔާސީ ގޮތުން ވަކި ނުފޫޒެއްގެ ވިސްނުމަށް ތާއީދުކުރަށްވާ ބޭފުޅުންކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ސަރުކާރަށް ނިސްބަތްވާ އެއްވެސް މީހެއްގެ މައްސަލަ ނުނިންމައި އެހެން މައްސަލަތައް ސުޕްރީމް ކޯޓުންނާއި ދަށު ކޯޓްތަކުން ނިންމަނީ ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށެވެ.

"ކުރީގެ ރައީސް މައުމޫންގެ މައްސަލައެއް ނުނިމޭ، އަހްމަދު ނާޒިމްގެ މައްސަލައެއް ނުނިމޭ، އިލްޔާސް އިބްރާހިމްގެ މައްސަލައެއް ނުނިމޭ، އަބުދުﷲ ޔާމީނުގެ މައްސަލައެއް ނުނިމޭ، ރެޑްވޭވް ސަލީމްގެ މައްސަލައެއް ނުނިމޭ، އެހެންނަމަވެސް މިހާރު މިވަނީ މަޖިލީހުގެ އެއް މެމްބަރެއް މައްސަލަ [ކާށިދޫ ދާއިރާގެ މެމްބަރު އަބުދުލް ހަމީދު] ގެމައްސަލަ ނިންމާފައި. ކީއްވެގެން އެހެން މައްސަލަތައް ނުބަލައި ސަރުކާރާއި އެމްޑީޕީއާއި ގުޅުންހުރި މީސްމީހުންގެ މައްސަލަތައް އެހާ ބާރަށް ހިންގަ ކުއްލިކުއްލިއަށް ނިންމަނީ މިއަދު އެބައޮތް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ މައްސަލަ. ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރާނެކަން އަޅުގަނޑަށް ވަނީ އެނގިފައި،" އަލްހާނު ވިދާޅުވިއެވެ.

މި ގަރާރު ހުށައެޅުއްވިރު އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ސާބިތު ދަރަނީގެ މައްސަލައެއް މިއަދު 3:30 ގައި ސުޕްރީމް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. މުސްތަފާގެ މައްސަލަ ކޯޓްގައި އޮންނަ ގަޑިއަށް އެމްޑީޕީގެ މެމްބަރުން ސުޕްރީމް ކޯޓްކައިރިއަށް މުޒާހިރާއަށް ތައްޔާރުވެގެން ދިއުމަށް ވަނީ މިއަދުގެ ގައުމީ މަޖިލިސް ނިންމާލަމުން ޢިއުލާން ކޮށްފައެވެ.

ވަގުތީ ޗެއާޕާސަން މޫސާމަނިކު ރިޔާސަތު ބެލެހެއްޓި މަޖިލީހުގައި މޫސަ ވިދާޅުވީ ގައުމީ މަޖިލިހުގެ ހާއްސަ ޖަލްސާއެއް ބާއްވަން ޖެހުނީ މިވަގުތު މިގައުމަށް ދިމާވެފައިވާ މިފަދަ ބޮޑެތި މައްސަލަތަށް ހައްލުކުރުމުގައި ގައުމީ މަޖިލީހުގެ ލަފާ ހޯދުމަށް ކަމަށެވެ.