30 Apr 2019, 11:54
އިންޑިއާގެ އާންމު އިންތިހާބު ފަށައިގެން ކުރިއަށްދާ އިރު، އެ ގައުމުގެ އިދިކޮޅު ޕާޓީ އިންޑިއަން ނޭޝަނަލް ކޮންގްރެސް (އައިއެންސީ)ގެ ރައީސް ރާހުލް ގާންދީގެ ރައްޔިތުކަމާ ބެހޭ ގޮތުން އިންޑިއާގެ ސަރުކާރުން ސުވާލު އުފައްދައިފި އެވެ.
އިންޑިއާގެ ހޯމް މިނިސްޓްރީން ރާހުލް ގާންދީއަށް ފޮނުވި ނޯޓިހެއްގައި ބުނެފައިވަނީ، އޭނާއަކީ އިނގިރޭސި ރައްޔިތެއް ކަމަށް ލިޔުމެއްގައި ޖަހާފައިވާކަމުގެ ޝަކުވާއެއް އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.
އެ ޝަކުވާ ހޯމް އެފެއާސް މިނިސްޓްރީއަށް ހުށަހަޅަފައި ވަނީ އިންޑިއާގެ ސަރުކާރު ހިންގާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ މަޖިލިސް މެމްބަރު ޑރ. ސުބްރަމާނިއަން ސްވާމީއެވެ.
ޑރ. ސްވާމީ ހުށަހެޅީ އިނގިރޭސިވިލާތުގައި ރެޖިސްޓަރކޮށްފައިވާ "ބެކޮޕްސް ލިމިޓެޑް" ކިޔާ ކުންފުންޏެއްގެ، 2005 ވަނަ އަހަރުގެ ލިޔެކިޔުމެކެވެ. އޭގައި ވާގޮތުން ރާހުލް ވަނީ އެ ކުންފުނީގެ ޑިރެކްޓަރުކަންކޮށްފަ އެވެ. އަދި އޭނާއަކީ އިނގިރޭސި ރައްޔިތެއް ކަމަށް ވެސް އޭގައި ޖަހާފައިވެ އެވެ.
އެ މައްސަލައިގެ ތެދު ދޮގު ބަޔާންކޮށް، ދެ ހަފްތާ ތެރޭގައި ޖަވާބުދާރީވުމަށް ހޯމް މިނިސްޓްރީން ރާހުލްއަށް އަންގާފައިވެ އެވެ.
ބީޖޭޕީން މި މަހުގެ ކުރީކޮޅު ވެސް ވަނީ ރާހުލްގެ ރައްޔިތުކަމުގެ މައްސަލައިގެ ވާހަކަތައް ފެންމަތިކޮށްފަ އެވެ.
ބާރަތިޔާ ޖަނަތާ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، 2005 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅި އެ ލިޔެކިޔުމުގައިވާ ގޮތުން ރާހުލް ގާންދީއަކީ އޭރު އިނގިރޭސި ރައްޔިތެއްކަން ހާމަވާ ކަމަށެވެ.
އިންޑިއާގެ ރައްޔިތަކު އެހެން ގައުމެއްގެ ރައްޔިތުކަން ހޯދައިފި ނަމަ އިންޑިއާގެ ރައްޔިތުކަން އެހިސާބުން އޮޓޮމެޓިކުން ގެއްލޭނެކަމަށް އިންޑިއާގެ ސިޓިޒެންޝިޕް ގާނޫނު ބުނާ ކަމށާއި، އެހެންކަމުން ރާހުލް ގާންދީގެ އިންޑިއާ ރައްޔިތުކަން ވެސް ގެއްލިފައިވާނެ ކަމަށް ބީޖޭޕީން ބުންޏެވެ.
ދެހާސް ހަތަރު ވަނަ އަހަރުން ފެށިގެން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރަމުން އަންނަ ރާހުލް ގާންދީ މިހާތަނަށް ފުރުއްވީ އުއްތަރު ޕްރަދޭޝްގެ ގޮނޑިއެކެވެ. މިފަހަރުގެ އިންތިހާބުގައި އުއްތަރު ޕްރަދޭޝްގެ ގޮނޑީގެ އިތުރުނއ ދެކުނުގެ ކެރަލާ ސްޓޭޓުގެ ދާއިރާއަކަށްވެސް ރާހުލް ވާދަކުރައްވައެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބަކީ މުޅި ދުނިޔޭގައި ވެސް ކުރިއަށްދާ އެންމެ ބޮޑު ޑިމޮކްރެޓިކް އިންތިހާބެވެ. ލޮކް ސަބާއަށް 543 މެމްބަރުން ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބުކުރާ އިރު، މި އަހަރުގެ ލޮކް ސަބާ އިންތިހާބުގައި 900 މިލިއަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.
ހަތް ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްދާ މި އިންތިހާބުގެ ފަހު ފިޔަވަހި ފަށާނީ މެއި މަހުގެ 19 ވަނަ ދުވަހު އެވެ.