ގދ. ހުޅުވާރުލު ކިޔާ ފަޅުރަށެއްގައި ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ފަސް މީހުން ބަންދުގައި ބަހައްޓަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވަޅުލާފައި ހުއްޓާ ހޯދި މަސްތުވާތަކެއްޗަކީ ރާއްޖެއަށް ކަނޑުމަގުން އެތެރެކުރުމަށް ފަހު، ލޯންޗެއްގައި އެ ރަށަށް ގެންގޮސް ވަޅުލާފައި ހުރި ތަކެއްޗެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި ފަސް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން ހަތަރު މީހެއް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުންޏެވެ.