30 Apr 2019, 10:46
ކޮލަމްބޯ (އޭޕްރިލް 30): ސްރީލަންކާގައި މިމަހުގެ 21ގައި ދިން ހަމަލާތަކާ ގުޅިގެން ސޯޝަލް މީޑިއާ ބްލޮކް ކުރުމަށް ފަހު، އެގައުމުގައި އަނެއްކާވެސް ސޯޝަލް މީޑިއާ ބޭނުން ކުރެވޭ ގޮތް ހަދަން ރައީސް މައިތިރިޕާލާ ސިރިސޭނާ އަމުރު ކުރައްވައިފި އެވެ.
ލަންކާގެ ޑިޕާޓްމެންޓް އޮފް ގަވަމެންޓް އިންފޮމޭޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން ރައީސް ވަނީ އެގައުމުގައި ވަޓްސްއެޕާއި، ވައިބާ އާއި ފޭސްބުކް ބޭނުން ކުރެވޭ ގޮތް އަނެއްކާވެސް ހަދަން އަމުރު ކުރައްވާފަ އެވެ. އެގައުމުގައި ސޯޝަލް މީޑިއާ ބްލޮކް ކުރީ އީސްޓާ ސަންޑޭގެ ހަމަލާތަކާ ބެހޭ ގޮތުން ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށްޓަކަ އެވެ.
ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 253 މީހުން މަރުވެ، 500 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި އެހަމަލާތަކާ ގުޅިގެން އެގައުމުން ވަނީ މިހާތަނަށް 150އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.
މީގެ އިތުރުން އެހަމަލާތަކާ ގުޅިގެން ލަންކާއިން ވަނީ ކުއްލި ހާލަތު އިއުލާންކޮށް، އެގައުމުގެ އާންމު ތަންތަނުގައި މޫނު ފޮރުވައިގެން އުޅުން މަނާ ކޮށްފަ އެވެ. މި ނިންމުން ނިންމައި ގެޒެޓްކޮށްފައިވާއިރު، ނިންމުމުގައި ބުނެފައިވަނީ ހާއްސަ ހާލަތުގެ ދަށުން ކަންފަތް ފޮރުވޭ ގޮތަށް ބުރުގާ އަޅައިގެން އާންމު ތަންތަނުގައި ހަރަކާތްތެރިވުމަކީވެސް މަނާކަމެއް ކަމަށެވެ.