30 Apr 2019, 10:24
ޖަކާޓާ (އޭޕްރިލް 30): އިންޑޮނޭޝިއާގެ ވެރިރަށުގެ ލަގަބު ޖަކާޓާ ނޫން އެހެން ސިޓީއަކަށްދޭން ރައީސް ޖޯކޯ ވިޑޯޑޯ ނިންމާފައިވާ ކަމަށް އެގައުމުގެ ޕްލޭނިން މިނިސްޓަރު ބަމްބަންގް ބްރޮޖޮނެގޯރޯ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވީ އިންޑޮނޭޝިއާގައި މިމަހުގެ 17ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ކަމަށް ވިޑޯޑޯ ވިދާޅުވި ފަހުންނެވެ. އެއިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނީ އަންނަ މަހުގެ 22ގަ އެވެ.
އިންޑޮނޭޝިއާއަށް 1945 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން އެކި ފަހަރު މަތިން އެ ގައުމުގެ ވެރިރަށް ބަދަލު ކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާތައް ބާއްވައިފަ އެވެ.
ދެހާސްސޯޅަ ވަނަ އަހަރު އެގައުމުގައި ހެދި ސާވޭއަކުން ދެއްކި ގޮތުގައި ޖަކާޓާއަކީ މުޅި ދުނިޔެއިން ވެސް ޓްރެފިކްގެ މައްސަލަތައް އެންމެ ބޮޑު ސިޓީ އެވެ. އޭގެ ސަބަބުން ސަރުކާރުގެ މިނިސްޓަރުން ބައްދަލުވުންތަކަށް ވަޑައިގަންނަވަން ޖެހެނީ ފުލުހުންގެ ކޮންވޯއިގަ އެވެ. އަދި ޖަކާޓާގެ ޓްރެފިކް މައްސަލަތަކާ ގުޅިގެން ގައުމުގެ އިގުތިސާދުން ކޮންމެ އަހަރަކު 6.8 ބިލިއަން ޑޮލަރު ހޭދަ ކުރަން ޖެހެ އެވެ.
މީގެ އިތުރުން ފެންބޮޑުވުމުގެ ހާދިސާތައް ގިނަ ޖަކާޓާގައި ފަސްގަނޑު ބަލިކަށިވެ، ސިޓީގެ ބިންގަނޑު އަޑިއަށް ދާ މައްސަލައިގައި ވެސް ރައްޔިތުން ވަނީ ކަންބޮޑުވެފަ އެވެ.
އެހެންކަމުން ފާއިތުވި 20 އަހަރު ތެރޭ އިންޑޮނޭޝިއާ ލާމަރުކަޒީކޮށް، މުނިސިޕަލްޓީތަކަށް ދީފައިވާ ބާރާއި ވަސީލަތްތައް އިތުރު ކުރުމަށް އެގައުމުގެ ސަރުކާރުން ދަނީ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އިންޑޮނޭޝިއާގެ ވެރިރަށް ބަދަލު ކުރުމާ ބެހޭ ގޮތުން ބޭއްވި ސިއްރު ކެބިނެޓު ބައްދަލުވުމެއްގައި ތިން ގޮތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
އެއީ ޖަކާޓާގައި ސަރުކާރުގެ އޮފީސްތަކަށް ހާއްސަ ޒޯންއެއް ހެދުމަށް ނުވަތަ އެޒޯން ޖަކާޓާ ނޫން އެހެން ސިޓީއެއްގައި ހެދުމަށް ނުވަތަ އާ ވެރިރަށެއް ގާއިމު ކުރުމަށެވެ. އޭގެ ތެރެއިން ރައީސް ބޭނުންފުޅު ވަނީ ތިން ވަނަ ގޮތް ކަމަށް ޕްލޭނިން މިނިސްޓަރު ވިދާޅުވި އެވެ.
އާ ވެރިރަށަކަށް ހަދާނީ ކޮން ސިޓީއެއްކަން މިނިސްޓަރު ފާހަގަ ނުކުރެއްވި ނަމަވެސް އިންޑޮނޭޝިއާގެ މީޑިއާތަކުގައިވާ ގޮތުން ސަރުކާރުން ހިޔާރު ކުރާނީ ބޯނިއޯގައި އޮންނަ ޕަލަންގްކަރަޔާ އެވެ. އެއީ ޖުޣުރާފީގެ ގޮތުން ބަލާ ނަމަ އިންޑޮނޭޝިއާގެ މެދާ ކައިރީގައި އޮންނަ ސިޓީއެކެވެ.
މިނިސްޓަރު ބްރޮޖޮނެގޯރޯ ވިދާޅުވި ގޮތުގައި ވެރިރަށް ބަދަލު ކުރުމުގެ މަސައްކަތަށް 10 އަހަރު ނަގައިފާނެ އެވެ. ނަމަވެސް އެހެން ގައުމުތަކަށް އެކަން ކުރެވޭ ނަމަ، އިންޑޮނޭޝިއާއަށް ވެސް އެކަން ވާނެ އެވެ.
"ބްރެޒިލްއިން އެގައުމުގެ ވެރިރަށް ބަދަލު ކުރި ރިއޯ ޑީ ޖެނީރިއޯ އިން އެމެޒޯން ކައިރީ އޮންނަ ބްރެސިލިއާއަށް، ކެންބެރާ އެއޮތީ ސިޑްނީ އާއި މެލްބަންގެ މެދުގައި، އަދި ކަޒަކިސްތާނުން އެގައުމުގެ މެދުގައި އޮންނަ ސިޓީއަކަށް ވެރިރަށް ބަދަލު ކުރި، މިޔަންމާއިން ވެސް ނޭޕީޑޯއަށް ވެރިރަށް ބަދަލު ކުރި،" މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ވިޑޯޑޯ ވަނީ މުޅި ގައުމަށް ވެސް ހަމަހަމައަށް އިގުތިސާދީ ކުރިއެރުން ގެންނަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.