އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށް ސާބިތުވެގެން އެއްއަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ހ. ލޮބީ މުހައްމަދު ކިނާނަތު އަހުމަދު ދެވަނަ ފުރުސަތުގެ ދަށުން ރޭ ދޫކޮށްލައިފި އެވެ.

ދީނީ ނަސޭހަތް ދިނުމަށް ފަހު މިނިވަންކޮށް އޭނާ ރޭ އާއިލާއާ ހަވާލު ކުރިއިރު އޭނާ ޖަލަށްލާން ކްރިމިނިލް ކޯޓުން ހުކުމް ކުރީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

ތޫނު ހަތިޔާރުން މާރާމާރީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުރައްކާތެރި މީހެއްގެ ގޮތުގައި ފުލުހުން ފާހަގަކޮށް ފުލުހުން ފޮޓޯ އާއި މައުލޫމާތު ކުރި މީހުންގެ ތެރޭގައި ވެސް ކިނާނަތު ހިމެނެ އެވެ. ފުލުހުން ވަނީ 15 ފަހަރެއްގެ މަތިން ކިނާނަތު ހައްޔަރު ކޮށްފަ އެވެ. އަދި އޭނާގެ ހަތަރު މައްސަލަ އެއް ޕީޖީއަށް ފޮނުވާފައިވާއިރު ކްރިމިނަލް ކޯޓުން ކިނާނަތުގެ މައްޗަށް ހުކުމް ކޮށްފައިވަނީ މިއައަހަރު ކުރި ޖަލު ހުކުމް އެކަންޏެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ ކިނާނަތު ދޫކޮށްލާފައި ވަނީ އޭނާ ދޫކޮށްލުމަށް ފުލުހުން ވެސް އެއްބަސްވެފައިވާތީ ކަމަށާއި ކުރީގެ ހާލަތަކާއި މިހާރުގެ ހާލަތު ތަފާތު ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއުލާން ކުރައްވާފައިވާ ދެ ވަނަ ފުރުސަތުގެ ދަށުން މިނިވަންކުރާ 400 ގައިދީންގެ ތެރެއިން 70 އަށް ވުރެ ގިނަ ގައިދީއަކު ރޭ މިނިވަންކޮށް އެމީހުންގެ އާއިލާތަކާ ވަނީ ހަވާލުކޮށްފަ އެވެ.
ދެ ވަނަ ފުރުސަތުގެ ދަށުން މިހާތަނަށް ދޫކޮށްލި މީހުންގެ ތެރެއިން ދެ މީހަކު މަގުމަތީގައި ހަމަނުޖެހުން ހިންގުމާއި ވައްކަމުގެ މައްސަލައެއް މިހާރު ވެސްދަނީ ބަލަމުންނެވެ. އަދި ދޫކޮށްލި ހަ މީހެއްގެ މަސްތުވާތަކެތީގެ މައްސަލަތަކެއް ފަޅާއަރާފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް (މޮނާޒާ ނައީމް) ރޭ ވަނީ ވިދާޅުވެފަ އެވެ.

ނައީމް ވިދާޅުވީ ދެވަނަ ފުރުސަތުގެ ދަށުން ގައިދީން ދޫކުރި ނަމަވެސް އެމީހުން މުޖުތަމައުގައި އުޅެމުންދާ ގޮތް ބަލަމުން އަންނަ ކަމަށެވެ.

ދެވަނަ ފުރުސަތުގެ ދަށުން ކިނާނަތު ރޭ ދޫކޮށްލި އިރު ނުރައްކާތެރި ކުށްވެރިންގެ ލިސްޓްގައި ހިމެނޭ ގދ. ވާދޫ އާބަހާރުގޭ އިހްސާން ރަޝީދު ވަނީ މީގެ ހަތަރު މަސް ކުރިން ކަފާލާތުގެ ދަށުން ކޯޓުން ދޫކޮށްލާފަ އެވެ. މީގެ ކުރިން އަށް ފަހަރު މަތިން ހައްޔަރު ކޮށްފައިވާ އިހްސާނަކީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން ފޭރުމާއި މާރާމާރީ ހިންގުމުގައި އުޅޭ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.