10 Jun 2010, 11:08
14:30
ފެހި ހަކަތައަށް ބަދަލުވުމަށް ރާއްޖެއިން ގަސްދުކުރީ އޭގައިވާ އިޤްތިޞާދީ އަދި ސަލާމަތީ ފައިދާތަކުގެ މައްޗަށް ބަލާފައި ކަމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ފިނިކުރުމަށް ބޭނުންކުރާ ހައިޑްރޯކްލޯރޯފްލޯރޯ ކާބަން ބޭނުންކުރުން ހުއްޓުމަށް މެނޭޖްމަންޓް ޕްލޭނެއް ހެދުމަށްޓަކައި މިއަދު ހެނދުނު ބަނޑޮސް ރިޒޯޓްގައި އޮތް ވަށްމޭޒު ބައްދަލުވުން އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު މުޅިންހެން ބަރޯސާވެފައި އޮންނަނީ ތެލުގެ މައްޗަށް ކަމަށާއި، މިތެލަކީ ބޭރު ޤައުމުތަކުން ރާއްޖެއަށް އެތެރެކުރާ އެއްޗެއް ކަމަށްވުމުން، ދުނިޔޭގެ ތެލުގެ ވިޔަފާރިއަށްކުރާ ކޮންމެ އަސަރެއް ވެސް ރާއްޖެއަށް ވަރަށް ބޮޑަށް ފޯރާ ކަމުގައި ވިދާޅުވި އެވެ. ރާއްޖެ ހަކަތައިގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާކަން ހާމަކުރައްވަމުން، ރާއްޖެއަކީ ދުނިޔޭގައި ކަރަންޓުގެ އަގު އެންމެ ބޮޑު އެއް ޤައުމު ކަމަށާއި، ހަކަތައަށް ކުރަންޖެހޭ ބޮޑު ހޭދައިގެ ސަބަބުން، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ބޮޑެތި ބުރޫތަކެއް އަރާކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.
އިޢާދަކުރަނިވި ހަކަތައިގައި ހުރި އިޤްތިޞާދީ ފައިދާތަކުގެ މައްޗަށާއި، މިދާއިރާގައި ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވާލައްވަމުން، ހެޔޮއަގުގައި އިޢާދަކުރަނިވި ހަކަތަ ރާއްޖޭގައި އުފެއްދިއްޖެނަމަ، މި މޮޑެލް ދުނިޔޭގެ އެހެން ހިސާބުތަކަށް ވެސް އެކްސްޕޯޓް ކުރެވިދާނެ ކަމުގައި ވިދާޅުވި އެވެ. އަދި، ދުނިޔެއަށް މިހާރު މިއޮތީ އާ ޞިނާޢީ އިންޤިލާބަކާ ކުރިމަތިވެފައި ކަމަށާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ގެދަބުޅިއަށް އަގެއް ކަނޑައަޅަން ދުނިޔެއަށް މަޖުބޫރުކުރުވައި ތިމާވެށްޓާ ރަޙްމަތްތެރި ޓެކްނޮލޮޖީއަށް އިންވެސްޓްކުރުން އިތުރުވެގެންދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.
މިއީ ވާދަވެރި ރޭހެއް ކަމަށާއި، މި ޤަރުނުގެ މި މުހިންމު ރޭހުގެ އެންމެ ފަހަތުގައި ރާއްޖެ އޮންނާކަށް ބޭނުންނުވާ ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ހައިޑްރޯފްލޯރޯކްލޯރޯފްލޯރޯ ކާބަން ބޭނުންކުރުން ހުއްޓުމަށް ތައްޔާރުކުރެވޭ މެނޭޖްމަންޓް ޕްލޭން ތަންފީޒުކުރުމާ ބެހޭގޮތުން ދިވެހި ސަރުކާރާއި، ޔުނެޕާއި ޔޫ.އެން.ޑީ.ޕީ. އާމެދު އެއްބަސްވުމެއްގައި ސޮއިކުރުން ވެސް އޮތެވެ.