ގާހިރާ (އެޕްރީލް 30) : އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކްރުލްބަޣްދާދީ ގެ ހިތާބެއް ކަމަށް ބުނެ އެޖަމާއަތުގެ ޚަބަރު ފަތުރާ ގޮފީން ނެރުނު ވީޑިއޯ އަށް ކޮމެންޓް ކުރުމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ފަސްޖެހިއްޖެ އެވެ.

ބަޣްދާދީގެ ވީޑިޔޯ އާ ގުޅޭގޮތުން ބައިނަލްއަގްވާމީ ނޫސްވެރިން ސީއައިއޭ ގެ މަސްއޫލުވެރިންނާ ގުޅުމުން ޖަވާބު ދީފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރޮއިޓާސް އިންވެސް ވަނީ ބަޣްދާދީގެ ވީޑިއޯ ކަމަށް ބުނެ އައިއެސް އިން ނެރުނު ވީޑިއޯ އަށް ސީއައިއޭގެ ކޮމެންޓެއް ނެތްކަމަށް ބުނެފަ އެވެ. ބަޣްދާދީގެ ވީޑިޔޯ އާ ގުޅޭގޮތުން ކުރި ސުވާލެއްގެ ޖަވާބުގައި އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރްޖަމާން ޝޮން ރޮބަޓްސަން ވިދާޅުވީ ބަޣްދާދީގެ ވީޑިއޯ ހިތާބުގެ މައުލޫމާތު އެމެރިކާއަށް ލިބިފައިވާ ކަމުގަ އެވެ.

އަދި އައިއެސް ބަލިކޮށްލުމަށް އެމެރިކާ ކުރިޔަށްގެންދާ ހަނގުރާމަ ކުރިޔަށްގެންދާ ކަމަށް ރޮބަޓްސަން ވިދާޅުވި އެވެ. އިރާގާއި ސޫރިޔާގައި އައިއެސް ބަލިކޮށްލުމަށް އެމެރިކާ އިސްވެ އޮވެގެން ދިން ވައިގެ ޙަމަލާތަކުގައި އައިއެސްގެ އިސް ކޮމާންޑަރުންތައް ވަނީ މަރުވެގެން ގޮސްފައެވެ. މީގެތެރޭގައި އަބޫއުމަރުއްޝީޝާނީ އާއި އަބޫމުހައްމަދުލްއަދްނާނީ އާއި އަބޫމުސްލިމް އައްތުރްކުމާނީ އާއި އަބޫއަލީ އަލްއަންބާރީ ފަދަ އައިއެސް އިން ސިފަކުރާ އާދަޔާ ޚިލާފު ފަހުލަވާނުންތައް ހިމެނެއެވެ.

މުއައްސަސަތުލްފުރްގާން ނަމަކަށް ކިޔާ އައިއެސްގެ މީޑިޔާއާބެހޭ މުއައްސަސާއިން އިންޓަނެޓްގައި އިއްޔެ ޝާއިޢުކޮށްފައިވާ ބަޣްދާދީގެ ޚިތާބަކީ ފަސް އަހަރަށްފަހު ބަޣްދާދީ ނެރުނު ފުރަތަމަ ޚިތާބެވެ. އަދި ފަސް އަހަރަށްފަހު އޭނާ ގެ ވީޑިއޯ އެއް ފެނުނު ފުރަތަމަ ފަހަރެވެ. 18 މިނިޓްގެ މި ވީޑީޔޯގައި ބަޣްދާދީ ވަނީ އައިއެސް އިން ހުއްޓުމެއްނެތް ފަހާކުރަނިވި ހަނގުރާމައެއް ނުވަތަ ވޯ އޮފް އެޓްރިޝަން އެއް ދުޝްމަނުންނާ ދެކޮޅަށް ކުރިޔަށް ގެންދާކަމަށް ބުނެފައެވެ. މިއީ އިރާގާއި ސޫރިޔާގައި މަރާލައި އަދި ހައްޔަރުކުރި އައިއެސް ގެ ހަނގުރާމަވެރިންނަށް ކުރި އަނިޔާގެ ބަދަލުގައި އެމީހުންނަށް އިންސާފު ހޯދުމަށް ކުރާ ބަދަލު ހިފުމުގެ ހަނގުރާމައެއް ކަމަށް ބަޣްދާދީ ބުނެފައިވެއެވެ.

މިއީ ކޮންއިރަކު ކޮންތަނެއްގައި ރެކޮޑްކޮށްފައިވާ ވީޑިއޯ އެއްކަން ސާފުވެފައެއް ނުވެއެވެ. ބަޣްދާދީ ގެ އެންމެފަހު ވީޑިއޯ އެއް ފެނިފައިވަނީ 2014 ވަނައަހަރު އިރާގުގެ މޫސަލްގެ ތާރީޚީ މިސްކިތެއްގެ މެންބަރުގައި ހުކުރު ޚުތްބާއެއް ކިޔަން ހުއްޓައި އައިއެސް ދެއްކި ވީޑިއޯ އެވެ. އޭގައި ބަޣްދާދީ ފެންނަވަރަށްވުރެ އިއްޔެ ޝާއިޢުކުރި ވީޑިއޯގައި ބަޣްދާދީ ފެންނަނީ މުސްކުޅި ކޮށެވެ.

ބަޣްދާދީގެ ޚިތާބުގައި އައިއެސް ޖަމާއަތުން ހިންގާ ގަތްލު އާންމުތަކާއި ޓެރަރިޒަމްގެ ހަމަލާތަކަކީ ޖިހާދުކަމަށް ސިފަކޮށް އޭނާއާއި އޭނާގެ ހައްދު ފަހަނަޅާފައިވާ ޖަމާއަތަށް މާތްﷲ ނަސްރު ދެއްވާނެ ކަމަށްބުނެފައިވެއެވެ. އަދި އައިއެސްގެ ހަނގުރާމަވެރިން ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ތިބޭނެ ކަމަށާ އެމީހުން ބަލިކޮށްނުލެވޭނެ ކަމަށާ އައިއެސް އާ ދެކޮޅަށް ހަނގުރާމަކުރާ ހުރިހާ ފަރާތްތަކާ ދެކޮޅަށް ވަރުގަދައަށް ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.

2013 ވަނައަހާރާއި 2014 ވަނައަހަރާ އަދި 2015 ވަނަ އަހަރަކީ އައިއެސް ގެ ރަންޒަމާނެވެ. އެދުވަސްވަރު އައިއެސް އިން އިރާގާއި ސޫރިޔާގައި އެމީހުން ޚިލާފަތެއް ހަދައިގެން ދައުލަތެއްގެ ގޮތުގައި ހަރަކާތްތެރިވި ސަރަހައްދި ފަރަންސޭސިވިލާތަށް ވުރެ ވެސް ބޮޑެވެ. އެދުވަސްވަރު އައިއެސް އިންވަނީ އިރާގާއި ސޫރިޔާގައި ބޮންގޮއްވައިގެން އެތަށް ހާސްބަޔަކު މަރައި އިރާގުގެ ބައިމަދު ޔަޒީދީ ދަރިކޮޅުގެ މީހުންގެ ނަސްލު ނައްތާލުމަށްޓަކައި އެމީހުންގެ އެތައް ހާސް ފިރިހެނުން މަރައި އެތައް ހާސް އަންހެނުންނާއި އަންހެން ކުދިން ރޭޕްކޮށް ޔަޒީދީ ދަރިކޮޅުގެ އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ އަޅުންގެ ބާޒާރެއް ހަދައި އެބާޒާރުގައި އަންހެނުންނާއި ކުޑަކުދިން ވިއްކައި ބޮޑެތި ޖަރީމާތަކެއް ހިންގާފައެވެ.

އެދުވަސްވަރު އައިއެސްގެ ހަރުކަށި ރަހުމެއްނެތް ހަނގުރާމަވެރިން ރޭޕްކުރި އަންހެނުންގެ ތެރެއިން އެތައް ހާސް އަންހެނުން އެމީހުންނަށް ބަލިވެއިނދެ ކުދިން ވިހާފައިވާއިރު އެހުރިހާ އަންހެނުންނާއި އެމީހުންގެ ދަރިންވަނީ އިރާގުގައި މަގުމަތިވެ ބިކަވެފައެވެ. އަދި އައިއެސް އިންވަނީ އެ އަންހެނުންގެ އާއިލާތަކުގެ ގިނަ މީހުން މަރާލާފައެވެ. މިއީ ބޮސްނިޔާގެ ހަނގުރާމައިގާ ސާބުން ގެ ސިފައިން ބޮސްނިޔާގެ މުސްލިމް އަންހެނުންގެ އެތައް ހާސް ބަޔަކު ރޭޕްކޮށް ބަލިވެ ބޭންދި ޖަރީމާތަކާ އެއްފަދަ ޖަރީމާތަކެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުންވަނީ ސިފަކޮށްފައެވެ.

އިރާގާއި ސޫރިޔާގައި އައިއެސް ބަލިކޮށްލުމަށް ހަތަރު އަހަރު ނެގިއިރު އައިއެސް އިން އިސްތިއްމާރުކުރި އިރާގާއި ސޫރިޔާގެ ހުރިހާ ސިޓީތަކެއްވަނީ ހަލާކުވެ ވީރާނާވެ ބިމާ ހަމަވެފައެވެ. އަދި އައިއެސް އިންވަނީ ހަނގުރާމައިގާ އެމީހުން ބަލިވާނަމަ އެތަނެއް އެއްކޮށް އަންދައި ފަނާކޮށްލުމުގެ އަނިޔާވެރި ސިޔާސަތެއް ގެންގުޅެފައެވެ.

އިރާގާއި ސޫރިޔާގައި އައިއެސް ބަލިކޮށްލުމަށްފަހު އެޖަމާއަތުން ޒިންމާނެގި އެންމެ ވަރުގަދަ ޓެރަރިސްޓް ހަމަލާތަކަކީ ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކެވެ. ބަޣްދާދީގެ ޚިތާބުގައި ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަށްވެސް އިޝާރާތްކޮށް އެކަމަށް ތާރީފު ކޮށްފައިވެއެވެ.

އައިއެސް ޖަމާއަތް ބޮޑު ބައްޔަކުން އިރާގުގާއި ބަލިކޮށް އެޖަމާއަތުގެ ޚިލާފަތް ނައްތާލައި ބިމާ ހަމަކޮށްލައި އެޖަމާއަތުގެ ކޮމާންޑަރުންތައް މަރާލައި އެޖަމާއަތުގެ ހަނގުރާމަވެރީން ވިއްސި ވިހާލި ކޮށްލެވިފައިވާއިރުވެސް އެޖަމާއަތުގެ ޕްރޮޕަގެންޑާތައް މިހާ ވަރުގަދަކޮށް ކުރިޔަށްދާ ސަބަބާމެދު ވަނީ ސުވާލު އުފެދިފައެވެ. އެމެރިކާއިން ސިއްރިޔާތުގައި ހިންގާ ޕްރޮޕަގެންޑާ ހަރަކާތްތަކުގައި އައިއެސްގެ ޕްރޮޕަގެންޑާ ހިމެނޭކަމަށް ބައެއް މުހައްލިލުން ޝައްކު ކުރެއެވެ. އެމެރިކާއިން ވަނީ މިދިޔައަގަރުވެސް ޕްރޮޕަގެންޑާ ފެތުރުމަށް 5 ބިލިޔަން ޑޮލަރު ޚަރަދުކޮށްފައެވެ. ނަމަވެސް އައިއެސް އާއި އެމެރިކާއާ ދެމެދު ގުޅުންތަކެއް އޮންނަކަން ސާބިތު ކުރެވިފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)