މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓު ހަމަލާތަކަށް ފަހު އެގައުމުގެ އާންމު ތަންތަނުގައި މޫނު ފޮރުވައިގެން އުޅުން ވަނީ މަނާ ކޮށްފައެވެ.

ލަންކާ ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވާ އިރު، ރައީސް މައިތިރިޕާލާ ސިރިސޭނާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޕަބްލިކް ސެކިޔުރިޓީއަށް ޓަކައި އެޅި މި ފިޔަވަޅާއެކު އެގައުމުގެ މަގުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން އަދި ދުއްވާ އެއްޗެއްސަށް އަރާއިރު ކާކުކަން ނޭނގޭ ގޮތަށް ހަރަކާތްތެރިވުން ވަނީ މަނާކޮށްފައެވެ.

މި ނިންމުން ނިންމައި ގެޒެޓްކޮށްފައިވާއިރު، ނިންމުމުގައި ބުނެފައިވަނީ ހާއްސަ ހާލަތުގެ ދަށުން ކަންފަތް ފޮރުވޭ ގޮތަށް ބުރުގާ އަޅައިގެން އާންމު ތަންތަނުގައި ހަރަކާތްތެރިވުމަކީވެސް މަނާކަމެއް ކަމަށެވެ.

ލަންކާގައި ދިން ހަމަލާތަކަށްފަހު ރައީސްގެ ނިންމުމަށް މޫނު ބުރުގާ އެޅުމާއި ފުލް ފޭސް ހެލްމެޓު އެޅުން މަނާކޮށްފައިވާއިރު، އެގައުމުގައި މޫނު ބުރުގާއެޅުން މަނާ ކުރާ ގާނޫނެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ލަންކާގެ އިސްލާމީ ކަންތައްތަކާ ބެހޭ މައި ޖަމްއިއްޔާ "އޯލް ސިިލޯން ޖަމިއްޔަތުލް އުލަމާ" (އޭސީޖޭޔޫ) އިން ވެސް ވަނީ ހަމަލާތަކަށްފަހު، މޫނު ބުރުގާ އެޅުން މަނާކުރުމަށް ސަރުކާރަށް ލަފާދީފައެވެ.

ލަންކާގައި ދެ މިލިޔަނެއްހައި މުސްލިމުން އުޅޭއިރު، މޫނު ބުރުގާ އަޅަނީ މަދު ބަޔެކެވެ. ނަމަވެސް ގިނަ މީހުން ބުރުގާ އަޅަނީ ކަންފަތް ފޮރުވޭގޮތަށެވެ.

ލަންކާގައި ދިން ޓެރަރިސްޓު ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އެ ހަމަލާތައް ދިނުމުގައި ބައިވެރިވި އެކަކު ހަލަމާ ދިނީ މޫނު ފޮރުވޭ ގޮތަށް ހެދުން އަޅައިގެން ހުރެއެވެ.