މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ "ބުރަހްމަސްތުރާ" ރިލީޒްކުރުން ފަސްކޮށްފިއެވެ.

ކުރީން އެ ފިލްމު ރިލީޒްކުރަން ފުރަތަމައަށް ނިންމީ އަންނަ އޮގަސްޓް މަހުގެ 15 އަށެވެ. ނަމަވެސް އެ ތާރީހުގައި ފިލްމު ނާޅުވައި، ފިލްމު އެޅުވުން އަންނަ ޑިސެންބަރު މަހަށް ފަސްކުރިއެވެ. އަނެއްކާވެސް ފިލްމު އަޅުވާ ތާރީހަށް މިވަނީ ބަދަލެއް ގެނެސްފައެވެ.

މިހާރު ހަބަރު ލިބޭ ގޮތުން ފިލްމު އަޅުވާނީ 2020 ވަނަ އަހަރުގެ ހޫނު މޫސުމުގައި ކަމަށް ކަރަން ބުނެއެވެ. އޭނާ ބުނީ ފިލްމު ފަސްކުރި މައިގަނޑު ސަބަބަކީ ފިލްމުވީހާ ވެސް ފުރިހަމަކޮށް ގެނެސްދިނުމެވެ.

އެ ފިލްމުގެ ލީޑު ރޯލުން ފެންނާނީ އާލިއާ ބަޓްއާއި ރަންބީރު ކަޕޫރެވެ. "ބުރަހްމަސްތުރާ" ވާނީ އެ ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.

އަޔާން މުކަރްޖީ ޑައިރެކްޓްކުރާ އެ ފިލްމުގެ ގިނަ މަންޒަރުތަކެއް ބަލްގޭރިއާގައި ވެސް ވަނީ ނަގާފައެވެ.

އެ ފިލްމުގައި ފެންނާނެ އިތުރު ކާސްޓުންނަކީ، ޑިމްޕަލް ކަޕާޑިއާ، އަމީތާބު ބައްޗަން، ނާގުރްޖުނާ އަކިނޭނީ އަދި ޓީވީ ބަތަލާ މޯނީ ރޯއި ފަދަ ތަރީންނެވެ.