ބީއެމްއެލްއިން ޓީއެފްޖީއާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ "ބީއެމްއެލް ވައު ކިޑްސް ރޭހުން" ފެނުނީ، ރޭސް ފުރިހަމަ ކުރުމަށް އެންމެން ވެސް ބޭނުންވެފައި އޮތްލެއް ބޮޑުކަމެވެ. ޖޯޝާ ފޯރިއާއެކީ ޖެހިގެން ހުންނަ ބައިވެރިއާ އަށްވެސް އެކަކު އަނެކަކު ދިޔައީ ހިތްވަރު ދެމުން އެވެ.

ތަފާތު ހަތަރު ކެޓަގަރީތަކަށް ބަހާލައިގެން އެ ދުވުން ކުރިއަށް ގޮސް ދުވުން ނިންމާލީ ވަރަށް ވެސް ހިތްހަމަޖެހުމާ މަޖަލާއެކު އެވެ.

ދުވުން ނިންމާލުމުގައި އެކި މީހުން އެކި އުކުޅުތަކެއް ގެންގުޅޭއިރު މިފަހަރުގެ ދުވުމުގައި އެންމެންގެ ސަމާލުކަން އަތުލައިގަތީ 8 އަހަރާއި 10 އަހަރާ ދެމެދުގެ ކެޓަގަރީއަށް ދުވެ ރޭސް ނިންމާލި ކުޑަ ކުޑަ ޔޫމީ އަށެވެ.

ތިން ކިލޯމީޓަރުގެ ދުވުން ނިންމާލި ޔޫމީ ރޭސް ނިންމާލީ ޖޯޝާއެކުއެވެ. ހިތްހަމަޖެހިގެން އެންމެ ފުރިހަމައަށެވެ.

ބޭންކުގެ މުވައްޒަފު ރަފާހް އަޙްމަދު، ޔޫމީ ރޭސް ނިންމާލި ގޮތުގެ ވީޑިއޯ ނެގިއިރުވެސް އިހްސާސްކުރެވުނީ ތަފާތުކަމެވެ. ޔޫމީގެ ހުނަރެވެ. އާދާޔާ ޚިލާފުކަމެވެ.

ބީއެމްއެލްއިން ސޯޝަލް މީޑިއާގައި މި ވީޑިއޯ ދައުރުކޮށްލުމާ އެކު ގިނަ ބަޔަކު އަންނަނީ ޔޫމީ އަށް ތައުރީފުކުރަމުންނެވެ. ކުޑަ ޔޫމީ ދެއްކި ހިތްވަރަށް އެންމެންގެ އައްސަރިބަހާއި ސާބަސްދެ އެވެ. މިހާތަނަށް ބީއެމްއެލްގެ ޓްވީޓަށްވެސް 800 އަށް ވުރެ ގިނަ ލައިކް ވަނީ ލިބިފައެވެ.

"އަޖައިބުވެއްޖެ. ޔޫމީ ހާދަ ޓެލެންޓެޑް އޭ،" ޓްވިޓާގައި މީހަކުކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

އެއް އަތުން ބުރެއް އެއްލުމަށްފަހު ރޭސް ނިންމާލިއިރު ޔޫމީ ހުރީ ހިނިތުންވެފަ އެވެ. ދުވުމުން ލިބުނު ވަރުބަލިކަމަށް ވުރެ، އޭނާ ހުރީ ބްލީއާ ހޭލުންތެރި ކުރަން ބޭއްވި އެ ދުވުމުގައި ބައިވެރިވެވުނީތީ އުފާވެފަ އެވެ. ޖޯޝާއި ފޯރިއެއް އައިސްފަ އެވެ.

"އޭނާ އެ ދެއްކި ހިއްވަރަށް ހަމަ ސާބަސް. ވަރަށް ތަފާތުކޮށް އެ ރޭސް ނިންމާލީ. ވަރަށް ޖޯޝުގައި ހުރިކަން އެނގޭ. ސާބަސް،" އެހެން މީހަކު ޓްވީޓްކޮށްފައިވެ އެވެ.

ހަތަރު އުމުރުފުރާ އަކުން 900 ކުދިންނާއި އެކުދިންގެ ބެލެނިވެރިން އަދި 10 އަހަރާއި 13 އަހަރާ ދެމެދުގެ 300 ކުދިންނާއެކު ޖުމްލަ 2000 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ބީއެމްއެލްގެ މި ދުވުން ބޭއްވީ ހުޅުމާލޭގަ އެވެ. އެދުވުމުގައި ބައިވެރިވި ކުދިން ފަންޑް ރެއިޒްކޮށްގެން ހޯދި 105،250 ރުފިޔާ ވަނީ އާކްއަށް ވެސް ހަދިޔާކޮށްފަ އެވެ.

އެ ފައިސާ އާކްއިން ހޭދަކުރާނީ، ބްލީގެ ޝިކާރައަކަށްވާ ކުދިން ބާރުވެރިކޮށް ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށެވެ.