30 Apr 2019, 08:10
ޗައިނާއިން ކުރިއަށް ގެންދާ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޫޓް ޕްރޮމޯޝަންގެ ދަށުން، ހަތް ދާއިރާއަކުން ރާއްޖެ ތަރައްގީކުރުމުގެ ޝައުގުވެރިކަން ޗައިނާ އިން ކޮށްފިއެވެ. އަދި މީގެ ކުރިން ނަގާފައިވާ ލޯންތައް ރީ-ނެގޯޝިއޭޓް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޗައިނާ އިން ވަނީ ރާއްޖެ އަށް ބޮޑޮތި ލޯނުތަކާއި އެހީތަކެއް މީގެ ކުރިންވެސް ދީފައެވެ. އަދި އެކި ތަރައްގީގެ މަޝްރޫއުތައްވެސް ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި މީގެ ކުރިން އަދި މިހާރުވެސް ކުރަމުންދެވެ.
ޗައިނާ އެމްބަސީގައި ރޭ އޮތް ހަފްލާއެއްގައި އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒާންގް ލިޒޯންގް ވަނީ، ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ޗައިނާގެ ސިލްކް ރޫޓު ޕްރޮމޯޝަންގެ ދަށުން ހަތް ދާއިރާއަކުން އެހީވުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ޗައިނާގެ ސަފީރު، ޒާންގް ލިޒޯންގް ވިދާޅުވީ، 2014 ވަނަ އަހަރު އެގައުމުގެ ރައީސް ޒީ ޖިންޕިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ފަހުން ރާއްޖޭގައި ހަލުވި ސްޕީޑް ބޮޑެތި ތަރައްގީގެ މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ވިދާޅުވި ފަދައިން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެގޮތުން ޗައިނާ އިންވެސް ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ގިނަ ދާއިރާތަކުން ރާއްޖެއަށް އެހީވުމަށް ޝައުގުވެރިވާ ކަމަށެވެ.
އޭގެ ތެރޭގައި މިހާރު އެގައުމުން ރާއްޖޭގައި ހިނގަމުންދާ މަޝްރޫއުތައް ތާވަލްއާ އެގޮތައް ނިންމުމައި، އިތުރު ދާއިރާތަކުން އަކުން ގުޅުން ވަރުގަދަ ކުރަން ބޭނުން ވާކަމަށެވެ.
ޗައިނާ އިން މުސްތަގުބަލުގައި ގުޅުން ބަދަހި ކުރުމަށް ޝައުގުވެރިކަން ފާޅުކުރި ދާއިރާތައް:
ދިރިއުޅުމުގެ ދާއިރާ؛ ސާފު ބޯފެންނުގެ ނިޒާމް ގައިމު ކުރުން، ބޯހިޔާވަހިކަން
- ތިމާވެށީގެ ދާއިރާ
- އިންސާނީ ވަސީލަތުގެ ތަމްރީނުކުރުން
- މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުން
- ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރުން
- ސިއްހީ ދާއިރާ
- ފަތުރުވެރިކަމުގެ ދާއިރާ؛ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ޗައިނާގެ ފަތުރުވެރިން ރާއްޖެ އައުން އިތުރުކުރުން

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަފީރު ވާހަަކ ދައްކަވަނީ: އޭނާ ވަނީ އެގައުމުން ރާއްޖެއަށް 7 ދާއިރާއަކުްނ އިތުރަށް ގުޅުން ބަދަހިކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައި -- ސަން ފޮޓޯ
ސަފީރު ވިދާޅުވީ ހަތް ދާއިރާގެ އިތުރުން، ކިޔަވާ ކުދިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދީ، ޒުވާނުން ބާރުވެރިކުރުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ. އަދި ދެގައުމުގެ ސަރުކާރުގެ ސަރުކާރުގެ އެކި އިދާރާތަކުން ޒިޔާރަތް ކުރުން ހިމެނެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެކި ސެކްޓާތަކާއި ރައްޔިތުންގެ މަޖިލިސް އަދި ލޯކަލް ކައުންސިލްތައް ހިމެނޭ ކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި ވަނީ، ޗައިނާ އިން މީގެ ކުރިން ރާއްޖެއަށް ކޮށްދެއްވި ކަންތައްތަކާއި ކުރަމުން ގެންދާ ކަންތައްކަށް ވެސް އަލިއަޅުވާލާފައެވެ.
އެ ހަފްލާގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސަފީރު ވިދާޅުވީ، ޗައިނާ އިން ގައުމުތައް ދަރުވަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަ ތަކެއް ކަމަށާއި ޗައިނާ އިން ކުރަމުން ދަނީ ދެގައުމަށް ވެސް ފައިދާވާ ފަދަ ކަންތައްތަކެއް ކަމަށެވެ. އަދި އެކަންތައްތަކުން އަނެއް ގައުމަށް ވެސް މާލީ ގޮތުން ފައިދާތަކެއް ވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.
ޗައިނާ އިން ނިމިދިޔަ ސަރުކާރުގައި ވަނީ ބޮޑެތި ލޯނުތަކެއް ނަގާފަ އެވެ. އެކަމާ ގުޅިގެން ރައީސް ސޯލިހް ވަނީ އެ ލޯންތަކަށް ލުޔެއް ލިބޭތޯ ޗައިނާގެ ސަރުކާރާއެކު ވާހަކަ ދައްކަވާނެ ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވި މަޝްވަރާތަކާ ގުޅޭގޮތުން ސުވާލުކުރުމުން ސަފީރު ވިދާޅުވީ، ޗައިނާ އިން އެފަދަ މަޝްވަރާތައް ކުރުމަށް ތައްޔާރު ކަމަށާއި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެގައުމަށް ވެސް ފައިދާވާގޮތައް ކަންތައް ކުރުމަށް ޗައިނާ ތައްޔާރު ކަމަށެވެ.
ޗައިނާގެ ސިލްކް ރޯޑް އެއްބަސްވުމެއަގައި ސޮއި ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައެވެ.
ޗައިނާގެ ސިލްކް ރޯޑް މަޝްރޫއަކީ އޭޝިއާ، އެފްރިކާ، ޔޫރަޕު އަދި އެހެން ސަރަހައްދުތަކާ އެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ފުޅާ ކުރުމަށް ޗައިނާއިން އިއުލާންކުރި މަޝްރޫއެކެވެ. އެ އިގުތިސާދީ ޕްލޭނުގެ ދަށުން ތިން ބައްރު ގުޅުވާލެވޭ އާ މަގެއް ތައާރަފްކުރާނެ އެވެ. އެގޮތުން އިންޑިއާ ކަަނޑު ހުރަސްކޮށް ހުޅަނގަށް ޗައިނާގެ މުދާ އުފުލާ މަގުތަކުގައިވާ ބަނދަރުތަކަކީ ޗައިނާއިން ބިނާކޮށް، އެ ގައުމުގެ ބޮޑު ކޮންޓްރޯލެއް އޮންނަ ބަނދަރުތަކަކަށް ހަދައި، އެއްގަމު މަގުން ޔޫރަޕާއި އެފްރިކާގެ ގައުމުތަކަށް ޗައިނާގެ މުދާ ފަސޭހައިން އުފުލޭނެ ގޮތް ހަދާނެއެވެ.