މިދިޔަ އާތީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާއާ ބެހޭގޮތުން، އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަގުދާދީ ވާހަކަ ދައްކާ ވީޑިއޯއެއް އާންމުކޮށްފިއެވެ.

ނަސާރާއިން ފާހަގަ ކުރާ އީސްޓާ ދުވަހާ ދިމާކޮށް ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ވަނީ 200 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެފައެވެ. އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ ނަގާފައެވެ.

ފަސް އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ބަގުދާދީ ފެންނަ ވީޑިއޯއެއް މިއަދު އާންމުކޮށްފައި ވަނީ އައިއެސް ޖަމާއަތުގެ އަލް ފުރުގާން މީޑިއާ ނެޓުވޯކުންނެވެ. އެންމެ ފަހުން އޭނާ ވީޑިއޯއިން ފެނިފައި ވަނީ 2014 ވަނަ އަހަރު އިރާގުގެ މޫސަލްގައި ހުންނަ އަލް ނޫރީ މިސްކިތުގައި ހުތުބާއެއް ދެނިކޮށެވެ. 2015 ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި ބަަގުދާދީ މަރުވި ކަމަށްވެސް ބެލެވުނެވެ.

ޓެރަރިސްޓު ޖަމާއަތްތަކުގެ އިންޓަނެޓު ހަރަކާތްތައް މޮނީޓާ ކުރާ ސާޗް ފޯ އިންޓަނޭޝަނަލް ޓެރަރިސްޓް އެންޓިޓީސް އިންސްޓިޓިއުޓް (ސައިޓް) އިން ބުނާ ގޮތުގައި އެ ވީޑިއޯގައި ބަގުދާދީ ބުނެފައި ވަނީ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން މަރައި، ބަންދުކޮށްގެން ގެންގުޅުމުގެ ބަދަލު އެ ޖަމާއަތުން ހިފާނެ ކަމަށެވެ.

އެ ވީޑިއޯގައި ބަގުދާދީ ވަނީ ލަންކާގެ ހަމަލާތަކާ ބެހޭގޮތުންވެސް ވާހަކަ ދައްކައިފައެވެ. ލަންކާގައި ދިން ހަމާލަތަކަކީ ސީރިއާގެ ބާޣޫސްގައި އައިއެސްއަށް ލިބުނު ނާކާމިޔާބީގެ ބަަދަަލުހިފުމެއްގެ ގޮތުގައި އޭނާ ސިފަ ކުރި ކަމަށްވެއެވެ.

ބާޣޫސްއަކީ ސީރިއާގައި އައިއެސް ޖަމާއަތުގެ އަތުގައި އޮތް އެންމެ ފަހު ސަރަހައްދެވެ. އެ ސަރަހައްްދުންވެސް މިދިޔަ މަހުގެ ތެރޭގައި އައިސް ވަނީ ބަލިކޮށްލާފައެވެ.

ބާޣޫސްގައި ލިބުނު ނާކާމިޔާބީގެ ބަދަލު ކުރިއަށް އޮތްތަނުގައިވެސް ހިފާނެ ކަމަށް ބަގުދާދީ އެ ވީޑިއޯގައި ބުނި ކަމަށް ސައިޓްއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

މިއަދު އާންމު ކުރި ވީޑިއޯއިން ފެނިގެން ދަނީ ފައި ވަށްކޮށްގެން އިން ބަގުދާދ،ީ މޫނު ފޮރުވާފައި ހުރި ތިން މީހަކާ ވާހަކަ ދައްކާ ތަނެވެ. އޭނާގެ ގާތުގައި އޭކޭ47 ބަޑިއެއް އޮތެވެ. އެެ ވީޑިއޯ ނަގާފައިވާ ތާރީހު އަދި ކަށަވަރުވެފައި ނުވެއެވެ.

ލަންކާގައި ދިން ހަމަލާތަކަކީ ނިއުޒިލޭންޑުގެ ކްރައިސްޓްޗާޗްގެ މިސްކިތެއްގެ ތެރޭގައި ބަޑިން ހަމަލާދީ އެތައް މުސްލިމުންނެއް މަރާލުމުގެ ބަދަލު ހިފުމެއްގެ ގޮތުގައި މީގެ ކުރިން އޮތީ ބެލެވިފައެވެ.