އަވަށްޓެރި ސްރީލަންކާގައި އިތުރު ދިވެއްސަކު ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް ތިން ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ލަންކާގައި ހުންވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ފުލުހުން ހުންގާ އޮޕަރޭޝަންގައި ބަލައި ފާސްކުރުމުގެ ތެރޭގައި ހަ ދިވެއްސަކު ހައްޔަރުކުރިއެވެ. އޭގެތެރެއިން ހަތަރު ދިވެހީން މިއަދު ދޫކޮށްލިއެވެ. ބާކީ ތިބި ދެ ދިވެހީންގެ ބަންދަށް މިދިޔަ ހޮނިހިރު ދުވަހު 13 ދުވަހަށް ޖެހިއެވެ.

އެމީހުންގެ އިތުރުން، އިތުރު ތިން ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވީނަމަވެސް އެކަން ސަފީރު އުމަރު އަބްދުއްރަޒާގު ވަނީ ދޮގު ކުރައްވާފައެވެ.

އުމަރު އަބްދުއްރައްޒާގު މިރޭ "ސަން" އަށް ވިދާޅުވީ، ރޭ ތިން ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެކަމުގެ އިތުރު މައުލޫމާތު ލިބޭނީ މާދަމާ ކަމަށެވެ.

"ހައްޔަރެއް ނުކުރޭ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ. އެމަޖެންސީ ރޫލް ހިންގާތީ ފުލުހުން ދަނީ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ޗެކް ޕޮއިންޓްތަކުގައި މީހުން ޗެކް ކުރައްމުން،" އުމަރު އަބްދުއްރައްޒާގު ވިދާޅުވިއެވެ.

އުމަރު އަބްދުއްރައްޒާގު ވިދާޅުވީ، އެގޮތަށް ޗެކް ޕޮއިންޓްތަކުން ޗެކް ކުރަމުންދާއިރު، ބައެއް ދިވެހީންގެ ވިސާގެ މުއްދަތު ހަމަވެފައިވާ ކަމުގެ މައްސަލަތަކެއް ފާހަގަވާކަމަށާއި އެފަދަ މީހުން ޗެކް ކުރުމަށްފަހު، ސުވާލުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ކަމަށެވެ.

ތިން ދިވެހީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފު ނުވާކަމަށް އުމަރު އަބްދުއްރައްޒާގު ވިދާޅުވިއެވެ. ނާމަވެސް މާދަމާ ހެނދުނު އެކަމުގެ އިތުރު މައުލޫމަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލަންކާގައި 15،000 ވުރެ ގިނަ ދިވެހީން ދިރިއުޅެމުންދާއިރު، ޒަޒޫރީ ކަމެއްގައި ނޫނީ ބޭރަށް ނުކުމެ ނޫޅުމަށް އެމްބަސީއިން ވެސް އަދި ފޮރިން މިނިސްޓްރީންވެސް ވަނީ އެގައުމުގައި އުޅޭ ދިވެހީންނަށް މީގެ ކުރިން އިލްތިމާސްކޮށްފައެވެ.

މިދިޔަ ހަފްތާ އާދިއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގެ ފުލުހުން ދަނީ ބަލާ ފާސްކުުރުމުގެ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އަދި ސަލާމަތީ ސަބަބުތަކަށްޓަކައި މިއަދުން ފެށިގެން އެގައުމުގައި ވަނީ ކާކު ކަން ނޭނގޭ ގޮތަށް ހެދުން އެޅުން މަނާ ކޮށްފައެވެ. އޭގެ ތެރޭގައި މޫނު ބުރުގާ ވެސް ހިމެނެއެވެ.

ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގައި މިއަދު އިރުއޮއްސި 6:00 އިން މާދަމާ ހެނދުނު 8:00 އަށް ތިން ސަރަހައްދަކަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އެގޮތުން ކާފިއު އިއުލާންކޮށްފައިވަނީ ބޮމުގެ ހަމަލާތަކާ ގުޅުން އޮންނަ ކަލަމުނައި، ސަމަންތުރަ އަދި ޗަވަލަކަޑަ ގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މީގެ ކުރިން ކާފިއު އިއުލާން ކޮށްފައިވަނީ، މުޅި ލަންކާއަށެވެ. ނަމަވެސް ވޭތެވެދިޔަ ދެ ރޭ ކާފިއު އިއުލާން ކޮށްފައިވަނީ އެ ތިން ސަރަހައްދަަށް އެކަންޏެވެ.

ކާފިއު ވަގުތުތަކުގައި ޒަރޫރީ ކަމެއްގައި ނޫނީ ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ.