އދ. އިން އިރާނާ ކަނޑައަޅާފައި ހުންނަވާ އިންސާނީ ހައްގުތަކާ ބެހޭ ސުޕެޝަލް ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ނެރުއްވި ރިޕޯޓަކީ ފާޅުގައި އދ. އަށް މަގުއޮޅުވާލުމަށް އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށް އީރާނުން ބުނެފި އެވެ.
އދ.ގެ އާއްމު މަޖިލީހުގެ އިންސާނީ ހައްގުތަކާއި އިޖުތިމާއީ ކަންތައްތަކާ ބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އިޝްހާގު އަލީ ހަބީބީ މިއަދު ވިދާޅުވީ ޑރ. ޝަހީދު ރޭ ޔޫއެންގައި ހުށަހެޅުއްވި ރިޕޯޓަކީ ގަބޫލު ނުކުރެވޭނެ، ބޭއިންސާފު ރިޕޯޓެއް ކަމަށެވެ.

ހަބީބު ވިދާޅުވީ އީރާނަށް ސްޕެޝަލް ރެޕަޓުއާއެއް ކަނޑައެޅުމަށް އެކުލަވާލި ގަރާރަކީ ވެސް އެމެރިކާ އާއި އެމެރިކާއާ ބައިވެރިވާ ޔޫރަޕްގެ ގައުމުތަކުން ސީޔާސީ މަގުސަދުތަކަކާ އެކު އެކުލަވާލި އެއް ފަރާތަށް ޖެހިފައިވާ ގަރާރެއް ކަމަށެވެ.
ހަބީބު ވިދާޅުވީ ވަނީ އީރާނާ ބެހޭ ގޮތުން ނެރުނު ރިޕޯޓަކީ އެއްވެސް އަސާސެއް ނެތް، ވަކި އަތަކަށް ޖެހިފައިވާ ރިޕޯޓެއް ކަމަށެވެ. އަދި އެރިޕޯޓް ބިނާކޮށްފައި ވަނީ މާކުރީގެ މައުލޫމާތުތަކެއްގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑރ. ޝަހީދުގެ ރިޕޯޓާ ގުޅިގެން އަލީ ހަބީބު ވަނީ އެމެރިކާ އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދަޅުވެފަ އެވެ. އޭނާ ވަނީ އެރިޕޯޓަކީ އެމެރިކާ އިން އީރާނާ މެދު އޮންނަ ދުޝްމަން ކަމުގެ ސަބަބުން ކުރާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށް ސިފަކުރައްވާފަ އެވެ.

"އީރާނުގެ އެންމެ ބޮޑު ދުޝްމަނެއްގެ ގޮތުން ދޮގު ރިޕޯޓްތައް ނެރުން އެމެރިކާ އިން ހުއްޓައެއް ނުލާނެ،" ޑރ. ޝަހީދުގެ ރިޕޯޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަލީ ހަބީބު ވިދާޅުވި އެވެ.

އެމެރިކާ އިން އެމެރިކާގެ އިންސާނީ ހައްގުތަކުގެ ކަޅު ތާރީހަށް ބެލުން މާރަނގަޅު ވާނެ ކަމަށާއި އެމެރިކާ އިން ވަނީ އަމިއްލަ ގައުމުގެ އިތުރުން މުޅި ދުނިޔޭގައި ކުށެއް ނެތް އެތައް ބަޔަކު، ހާއްސަކޮށް ޒުވާނުންނާއި ކުޑަކުދިން މަރާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓް މަހު މަގާމާ ހަވާލުވެވަޑައިގަތް ، ރާއްޖޭގެ ކުރީގެ ކުރީގެ ހާރިޖީވަޒީރު ޑރ. އަހުމަދު ޝަހީދު އެމަގާމާ ހަވާލުވެވަޑައިގަތުމާ އެކު އީރާން ވަނީ ސްޕެޝަލް ރެޕަޓުއާގެ ހައިސިއްޔަތުން އެ ގައުމަށް ދަތުރުކުރެއްވުމުގެ ހުއްދަ ނުދޭނެ ކަމަށް ބުނެފަ އެވެ.

ޑރ. ޝަހީދުގެ ރިޕޯޓްގައި ވިދާޅުވެފައި ވަނީ އީރާނުގައި މަރުގެ އަދަބުދޭ ކަމަށް ރިޕޯޓްކުރާ މީހުންނަށް ވުރެ ގިނަ މީހުންނަށް ސިއްރިއްޔާތުގައި މަރުގެ އަދަބުދޭ ކަމަށާއި ޖަލުތަކުގައި މީހުންނަށް އަނިޔާ ކުރާ ކަމަށާއި އަންހެނުންނަށް އެމީހުންގެ ހައްގުތައް ނުދޭ ކަމަށެވެ.
) އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ(