29 Apr 2019, 21:49
ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހެދި "ރަށު މާރުކޭޓު"ގެ ގޮޅިތައް ލިބޭ ފަރާތްތައް މިއަދު ގުރުއަތުން ހޮވައިފި އެވެ.
އެޗްޑީސީއިން ވަނީ މިއަދު މެންދުރު ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގައި "ރަށު މާރުކޭޓު"ގެ ގޮޅިތައް ދޫކުރާ ފަރާތްތައް ހޮވަން ގުރުއަތު ނަގާފައެވެ.
ރަށު މާރުކޭޓުން ބަހާފައި ވަނީ ދެ ބާވަތެއްގެ ގޮޅިތަކެކެވެ. އެއީ ޑްރައި ސްޓޯލާއި ވެޓް ސްޓޯލްއެވެ. ޑްރައި ސްޓޯލުތަކަކީ ކާބޯތަކެތި ވިއްކުމަށް ހަމަޖައްސާފައިވާ ގޮޅިތަކެވެ. އަދި ވެޓް ސްޓޯލުތަކަކީ ރޯމަސް ވިއްކުމަށް ހަމަޖެހިފައިވާ ގޮޅިތަކެވެ.
އެޗްޑީސީ އިން ގޮޅިތައް ދޫކުރީ އާންމު ފަރާތްތަކަށާއި ވިޔަފާރިތަކަށް ދެ ބަޔަކަށް ބަހާލައިގެންނެވެ. އާންމު ފަރާތްތަކަށް މިއަދު ވަނީ ޖުމްލަ 42 ގޮޅިއެއް ދޫކޮށްފައެވެ. އަދި ވިޔަފާރިތަކަށް ދޫކޮށްފައި ވަނީ ޖުމްލަ 26 ގޮޅިއެވެ.
އެޗްޑީސީއިން ބުނެފައިވާ ގޮތުގައި ރަށު މާރުކޭޓަކީ ރައްޔިތުންނާއި، ހުޅުމާލެއަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ރާއްޖޭގައި ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކާއި، ރޯމަހުގެ ބާވަތްތައް ފަސޭހަ ކަމާއެކު ހެޔޮއަގުގައި އެއްތަނަކުން ލިބޭނެ މަގުފަހިކޮށްދިނުމަށްޓަކައި، ގާއިމް ކުރި މާރުކޭޓެކެވެ.
އެ މާރުކޭޓު ހެދީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް އާ ހަވާލުކޮށްގެންނެވެ. އެ ލޯކަލް މާރުކޭޓުގައި 69.45 އަކަފޫޓުގެ 37 ޑްރައި ސްޓޯލް އާއި 69.45 އަކަފޫޓުގެ 20 ވެޓް ސްޓޯލް ހުންނާނެއެވެ.
ރަށު މާރުކޭޓުގެ ގޮޅީގެ ކުއްޔަކީ މަހަކު 3،500 ރުފިޔާ އެވެ. ފޯމު ހުށަހަޅާއިރު 10،500 ރުފިޔާގެ ބޭންކް ގެރެންޓީ އެއް ހުށަހަޅަން ޖެހެއެވެ.