29 Apr 2019, 21:27
ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގދ. ތިނަދޫގައި ބޭއްވި ޑިނާ ނައިޓުގައި ވާހަކަފުޅު ދައްކަވަމުން، އެ އަތޮޅުގެ ފަޅު ރަށަކުން 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިރޭ ހާމަކުރައްވައިފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ވަޅުލާފައި ހުއްޓާ ހޯދި މަސްތުވާތަކެއްޗަކީ ރާއްޖެއަށް ކަނޑުމަގުން އެތެރެކުރުމަށް ފަހު ލޯންޗެއްގައި އެ ރަށަށް ގޮސް ވަޅުލާފައި ހުރި މަސްތުވާތަކެއްޗެވެ.

ގދ. އަތޮޅުގެ ފަޅުރަށަކުން ފުލުހުން އަތުލައިގަތް މަސްތުވާތަކެތި: ޖުމްލަ 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ -- ފޮޓޯ: ފުލުހުން
އަތުލައިގަތް މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ވަނީ ލަފާކޮށްފައެވެ.
އެ މަސްތުވާތަކެތި ހޯދުނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި، ޑިވިޝަން ޕޮލިސިން ކޮމާންޑާއި، ޑްރަގް އިންޓެލިޖެންސް ޔުނިޓް ގުޅިގެން ފާއިތުވި 72 ގަޑިއިރު ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރަށްތަކުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެ މަސްތުވާތަކެތި ހޯދާފައި ވަނީ ގދ. އަތޮޅުގެ ކޮން ފަޅު ރަށަކުން ކަމެއް ފުލުހުން އަދި ހާމަކޮށްފައި ނުވެއެވެ.