އައިސިސްގެ މައުލޫމާތު ހިމެނޭ ފޮތެއް ފެނުނު މައްސަލައިގައި ސްރީލަންކާ ފުލުހުން ހައްޔަރުކޮށްފަައިވާ ދެ ދިވެހިންގެ ހާލު ރަނގަޅު ކަމަށް ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގު ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ހިނގި ބޮމުގެ ހާދިސާތަކާ ގުޅިގެން ފުލުހުން ގެތައް ބަލާ ފާސް ކުރުމުގެ ތެރޭގައި އައިސިސްގެ މައުލޫމާތު ހިމެނޭ ފޮތެއް ފެނިގެން ހައްޔަރު ކުރީ އާދަމް މަނިކު (ފުނަމާ) އާއި ހަސަން މަނިކު (ބައިކެނޑި) އެވެ. އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ދެމީހުންގެ ބަންދު ވަނީ އިތުރުކޮށްފައެވެ.

ސަފީރު މިއަދު ވަނީ އެ ދެމީހުންނާ ބައްދަލުކުރައްވާފައެވެ. އޭނާ "ސަން"އަށް ވިދާޅުވީ، އެ ދެމީހުންގެ ހާލު ރަނގަޅު ކަމަށެވެ.

އޭނާ ވިދާޅުވީ، ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކީ ލަންކާގައި ދިރިއުޅޭ މީހެއް ކަމަށެވެ. އަދި އަނެއް މީހާ އަކީ ލަންކާއަށް ބޭސްފަރުވާ ކުރަން އައި މީހެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި ދެ މީހުން ދިރިއުޅުނު ގެއިން ފެނުނު އައިސިސްގެ މައުލޫމާތު ހިމެނޭ ފޮތަކީ "ބްލެކް ފްލެގްސް ދަ ރައިޒް އޮފް އައިސިސް" އެވެ. އަދި ހައްޔަރު ކުރި ދެ މީހުންނާ އެ ފޮތާ ގުޅުމެއް ނެތް ކަމާއި، އެ ފޮތަކީ ލަންކާގައި ޕޮލިޓިކަލް ސައިންސް ކިޔަވާ ދިވެހި ދަރިވަރަކު ގެންގުޅުނު ފޮތެއްކަން ވަނީ އެނގިފައެވެ. އެ ދަރިވަރު މިވަގުތު ހުރީ މާލޭގައި ކަމަށްވެއެވެ.

އައިސިސް ފޮތް ފެނިގެން ހައްޔަރު ކުރި ދެ މީހުންގެ އިތުރުން ފޭކް ލައިސެސްއަކާއެކު އެއާ ރައިފަލް ގެންގުޅުނު ހަތަރު ދިވެއްސަކު ވެސް ލަންކާ ފުލުހުން ހައްޔަރު ކުރިއެވެ. ނަމަވެސް އެ ހަތަަރު މީހުންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.

ލަންކާގައި ބޮން ގޮއްވާލި ހާދިސާއާ ގުޅިގެން އެ ގައުމުގެ ފުލުހުން ދަނީ ގެތައް ބަލާ ފާސް ކުރަމުންނެވެ. އެގައުމުގައި ދިރިއުޅޭ ބައެއް ދިވެހިން މިހާރު ދަނީ އެނބުރި ގައުމަށް އަންނަމުންނެވެ.