29 Apr 2019, 19:11
ޕްރޮގްރެސިވް ނޭޝަނަލަ ކޮންގްރެސް (ޕީއެންސީ)ގެ ތަރުޖަމާނުގެ މަގާމަށް ހީނާ ވަލީދު ހަމަޖައްސައިފިއެވެ.
ޕީއެންސީގެ މަޝްވަރާ މަޖިލީހުގައި ހިމެނޭ ހީނާ އެ ޕާޓީގެ ތަރުޖަމާނަކަށް ހަމަޖެއްސާފައިވާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވަނީ ވިދާޅުވެފައެވެ.
ސަތާރަ އަހަރު ވަންދެން މީޑިއާގައި މަސައްކަތް ކުރެއްވި ހީނާ ވަނީ މީގެ ކުރިން ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ. އަދި ޕީއެންސީ އުފެއްދުމުގެ ކުރިން އޭނާ އިދިކޮޅު ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅުއްވިއެވެ.
ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހީނާ ވަނީ ޕީއެންސީގެ ޓިކެޓުގައި ދިއްގަރު ދާއިރާއަށް ވާދަ ކުރައްވައިފައެވެ. އޭނާ ވަނީ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންފައެވެ.
ހީނާ އެ ޕާޓީގެ ތަރުޖަމާނު ކަމަށް ހަމަޖެއްސި އިރު އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރެއްވި ގީލާ އަލީ ވަނީ ހަމަޖައްސައިފައެވެ.
ޕީއެންސީ އިން ވަނީ މިދިޔަ ހުކުރު ދުވަހު އެ ޕާޓީގެ މަތީ މަޖިލިސް ބާއްވާފައެވެ. އެ މަޖިލީހުގައި ވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެ ޕާޓީގެ ރައީސަކަށް ހަމަޖައްސައިފައެވެ. އެ މަގާމަށް ކުރިމަތިލީ ހަމައެކަނި އޭނާއެވެ.
އެ މަޖިލީހުގައި އެ ޕާޓީގެ ނައިބު ރައީސް ކަމަށް އިންތިހާބުވެވަަޑައިގެންނެވީ ޕީޕީޕއެމްގެ ޕާލަމެންޓަރީ ގުރޫޕުގެ ކުރީގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާއި މާވަށު ދާއިރާގެ އިންތިހާބީ މެމްބަރު މެމްބަރު މުހައްމަދު ސައީދާއި ބާރަށު ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ރާއްޖެއިން ސްރީލަންކާއަށް ކުރިން ކަނޑައެޅި އެމްބަސަޑަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ.