20 Oct 2011, 12:39
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ސާބިތު ދަރަންޏެއްއޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރައްވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އޭނާ ވަކިވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އުމަރު ނަސީރު2009 ގައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް ގިނަ ދުވަސްތަކަށް މެދުކެނޑިފައި އޮތުމަށް ފަހު އެ މައްސަލައިގެ އަޑުއެހުމަކަށް މިއަދު 3:30 އަށް ސްޕްރީމް ކޯޓުގައި ޝެޑިއުލްކޮށްފި އެވެ.
އުމަރު ކުރައްވާފައިވާ ދައުވާގައި ވަނީ ރާއްޖޭގައި ކުރިން ހިންގި ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް ]ބީސީސީއައި[ އިން މުސްތަފާގެ ހިއްސާ އޮންނަ ސީފުޑް އިންޓަނޭޝަލް އިން ނެގި ލޯނުގެ ތެރެއިން އެ ބޭންކް ބަނގުރޫޓުވި އިރު ނުދައްކަވައި އޮތް 31،231.66 ޑޮލަރު ]401326.83ރ.[ އަކީ މުސްތަފާ ދައްކަވަން ޖެހޭ ފައިސާއެއް ކަމަށް އޮގަސްޓް ،26 1997 ގައިއޭރުގެ މަދަނީ ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކުރުމުން ވެސް ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފައިވާ ކަމަށް ދައުވާގައި ބުނެ އެވެ.
ހުކުމްކުރި ފަހުން އެއިން އެއްވެސް ފައިސާއެއް ދައްކަވާފައިނުވާނެ ކަމަށާއި އެއީ ކުންފުނިން ނަގާފައިވާ އޯވަ ޑްރާފްޓެއް ކަމަށާއި އެއަށް ގެރެންޓީ ދެއްވީ މުސްތަފާ ކަމަށް ދައުވާގައި ބުނި ނަމަވެސް އެފަދަ އެއްވެސް ގެރެންޓީއެއް ދެއްވާފައި ނުވާނެ ކަމަށް މުސްތަފާ ކުރިން ވިދާޅުވެފައިވެ އެވެ.
އަދި ކޯޓުގެ ހުކުމުގައި އެ ފައިސާ އަކީ މުސްތަފާ ދައްކަވަން ޖެހޭ ފައިސާއެއް ކަމަށް އޮތީ، އެ މައްސަލައިގެ ހުރިހާ ކަމެއްގައި ކުންފުނީގެ ފަރާތުން ކޯޓަށް ވަޑައިގަތީ މުސްތަފާ ކަމަށް ވެފައި،އެ ދުވަސްވަރު ކުންފުނިތަކުގެ މައްޗަށް ކުރާ ހުކުމްތަކުގައި ޑިރެކްޓަރުންގެ ނަން ހިމަނާތީ ކަމަށެވެ.
ނަމަވެސް އުމަރުގެ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވެފައި ވަނީ ކުންފުނީގައި އެހެން ޑައިރެކްޓަރުން ތިބިއިރު މުސްތަފާގެ ނަން އޮތީ ވަކިސަބަބެއް އޮވެގެން ކަމަށެވެ.
ގާނޫނު އަސާސީގެ73 ވަނަ މާއްދާގެ ނ. ގެ އެއް ވަނަ ނަންބަރުގައި ބުނެފައި ވަނީ، އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އެމީހަކު ވަކިވާނެ ކަމަށެވެ. މެންބަރެއްގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދުހިޔާލު ތަފާތުވެއްޖެ ހިނދެއްގައި އެ މައްސަލަ ބަލައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގެ74 ވަނަ މާއްދާގައި ބުނެފައިވެ އެވެ.