29 Apr 2019, 15:17
ލަންކާގައި މިދިޔަ ބުދަ ދުވަހުގެ ރޭ އެއާ ރައިފަލްއަކާއެކު ހައްޔަރު ކުރި ހަތަރު ދިވެހިން މިނިވަން ކޮށްފިއެވެ.
ފެކް ލައިސަންސް އަކާއެކު އެއާ ރައިފަލް އެއް ގެންގުޅުނު މައްސަލައިގައި ހައްޔަރު ކުރި ހަތަރު ދިވެހިން މިއަދު ދޫކޮށްލާނެ ކަމަށް މީގެ ކުރިން ލަންކާގައި ހުންނަވާ ދިވެހި ސަފީރު އޮމަރު އަބްދުލް ރައްޒާގް ވަނީ ވިދާޅުވެފައެވެ.
ކުރިން ވިދާޅުވި ގޮތަށް އެ ހަތަރު ދިވެހިން މިއަދު މިނިވަންކޮށްފައިވާ ކަމަށް އުމަރު އަބްދުއް ރައްޒާގް ވަނީ "ސަން" ކަށަވަރުކޮށްދީފައެވެ.
"އެ ހަތަރު މީހުންގެ އާއިލާން އެމީހުންނާ މއިަދު ހަވާލުވެއްޖެ. އެމީހުންގެ މައްޗަށް އެއްވެސް ދައުވާ އެއް ނުކުރޭ،" އުމަރު ވިދާޅުވި އެވެ.
ހަތަރު ދިވެހި މިއަދު މިނިވަން ކޮށްފައިވާއިރު، ހައްޔަރު ކުރި ހަ ދިވެހިންގެ ތެރެއިން މިހާރު ބަންދުގައި ތިބީ ދެ ދިވެއްސެކެވެ. މިދިޔަ ހޮނިހިރު ދުވަހު އެ ދެ ދިވެހިންގެ ބަންދުގެ މުއްދަތު ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އެ ދެ ދިވެހިން ހައްޔަރު ކުރީ އެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު، އައިއެސްގެ މައުލޫމާތު ހުރި ފޮތެއް ފެނިގެން އެވެ.
ބަންދުގައި ހުރި އެއް ދިވެއްސެއްގެ ހާލު ސީރިޔަސް ކަމަށް ޝޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަ އުމަރު ވަނީ ދޮގުކޮށްފައެވެ. އުމަރު ވިދާޅުވީ، އަދި އެފަދަ ހަބަރެއް ލިބިފައި ނުވާ ކަމަށެވެ.
ލަންކާގައި މިދިޔަ ހަފްތާ އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެގައުމުގެ ސިފައިން ދަނީ ބަލާ ފާސްކުރުމުގެ ވަރުގަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
ސަލާމަތީ ކަންކަން ވަރުގަދަ ކުރުމައްޓަކައި ލަންކާގައި ވަނީ މިއަދުން ފެށިގެން ކާކުކަން ނޭނގޭ ގޮތަށް ހެދުން އެޅުން މަނާ ކޮށްފަ އެވެ. އޭގެ ތެރޭގައި މޫނު ބުރުގާ އެޅުންވެސް ހިމެނެ އެވެ.