29 Apr 2019, 12:41
ދިއްލީ (އޭޕްރިލް 29): އިންޑިއާގައި މިމަހުގެ 11ގައި ފެށި އާއްމު އިންތިހާބުގެ ހަތަރު ވަނަ ފިޔަވަހީގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
އިންޑިއާގެ މިއަދު ވޯޓުލަނީ ބިހާރު، ޖައްމޫ އެންޑް ކަޝްމީރު، ޖަރުޚަންދު، މަދުޔަ ޕްރަދޭޝް، މަހާރަޝްތުރާ، އޮޑީޝާ، ރާޖަސްތާން، އުއްތަރަ ޕްރަދޭޝް އަދި ވެސްޓް ބެންގާލްގެ 71 ދާއިރާއިންނެވެ.
އޭގެ ތެރޭގައި އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީގެ ވޯޓު ހިމެނެ އެވެ. އެއީ ބޮލީވުޑު ސްޓާރުންނާއި އިންޑިއާގެ އެންމެ މުއްސަނދި 19 މީހުންގެ ތެރެއިން ހަތް މީހަކު ދިރިއުޅޭ ސިޓީ އެވެ. އަދި މުމްބާއިގެ ނޯތު ސެންޓްރަލް ގޮނޑިއަށް ސަންޖޭ ދަތުގެ ކޮއްކޮ ޕްރިޔާ ދަތު ވާދަކުރާ އިރު މުމްބާއީގެ އުތުރަށް އެކްޓްރެސް އުރުމިލާ މަޓޯންޑުކަރު ދަނީ ވާދަ ކުރަމުންނެވެ.
އެއީ އުރުމިލާ އިންތިހާބީ މަގާމަކަށް ވާދަ ކުރާ ފުރަތަމަ ފަހަރަށްވީ ނަމަވެސް ޕްރިޔާ ދަތު ވަނީ މީގެ ކުރިން ދެ ފަހަރަކު މަޖިލީހުގެ މެމްބަރުކަން ކޮށްފަ އެވެ. އަދި އެދެ މީހުން ވެސް ވާދަ ކުރަމުންދަނީ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ބީޖޭޕީގެ ކެނޑިޑޭޓުންނާ ދެކޮޅަށެވެ.
މީގެ އިތުރުން އިންޑިއާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މުކޭޝް އަމްބާނީ އާއި އުދޭ ކޮޓަކް ވަނީ މުމްބާއީގެ ދެކުނުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަ ކުރާ މިލިންދު ދިއޯރާއަށް ތާއިދުކޮށްފަ އެވެ. އޭނާ ވާދަ ކުރަނީ ޝިވް ސޭނާ ޕާޓީގެ އަރުވިންދު ސާވަންތުއާ ދެކޮޅަށެވެ.
އިންޑިއާގެ އިންތިހާބުގެ ވޯޓްލުން ދެ މަސް ދުވަހަށް ދެމިގެންދާއިރު، އިންތިހާބު ނިމޭނީ އަންނަ މަހު 19ގަ އެވެ. އަދި ނަތީޖާ އިއުލާން ކުރާނީ އަންނަ މަހުގެ 23ގަ އެވެ.