ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ބޭއްވި މާހެފުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެވަޑައިގަތުމުގެ ކުރިން އެމަނިކުފާނަކީ ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެވެ. ޖުމްލަ 25 އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ރައީސް ސޯލިހު ވަނީ ހިދުމަތް ކުރައްވާފަ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މެމްބަރުންނާ އެކު ބޭއްވި މާހެފުމުގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގެންފައި ވަނީ މިއަދު ހެނދުނު 10:00 ގައި ފެށި މަޖިލީހުގެ ހުސްވަގުތުކޮޅުގަ އެވެ.

ރައީސް ވަނީ މާހެފުމަށް ފަހު، މެމްބަރުންނާއެކު ފޮޓޯ ނަންގަވައި މެމްބަރުންނާ ސަލާމް ކުރައްވައިފަ އެވެ. ރައީސްގެ މި މާހެފުމުގައި ޔޫތު މިނިސްޓަރު އަދި މި ދައުރުގެ ގަލޮޅު ދެކުނު ދާއިރާ މެބްބަރު، އަހްމަދު މަހްލޫފާއި ފޮރިން މިނިސްޓަރު އަދި މި ދައުރުގެ ހެންވޭރު އުތުރު ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ސޯލިހް މާހެފުމަށް ފަހު، މެމްބަރުންނާއެކު ފޮޓޯ އަކަށް ހުއްޓިލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ސޯލިހް މިއަދު މަޖިލިސް މާހެފުމުގައި ބައިވެރިވެވަޑައިގެންނެވި އިރު، މިއަދު މިއީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ އެވެ.

މަޖިލީހުގެ މިދައުރު މިއަދަށް ނިމޭއިރު، އަލަށް އިންތިހާބުވި 19 ވަނަ ރައްޔިތުންގެ މަޖިލިސް މެމްބަރުން ހުވާ ކުރެއްވުން އޮތީ، މި އަންނަ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.