29 Apr 2019, 10:38
އަމާނާ ތަކާފުލް އިން 22 އިންސައްތައިގެ ވިޔަފާރީގެ ކުރިއެރުމެއް މިދިޔަ އަހަރު ހޯދައިފި އެވެ.
ރާއްޖޭގައި އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް އިންޝްއަރެންސްގެ ހިދުމަތް ދޭ، އަމާނާ ތަކަފުލްއިން ބުނި ގޮތުގައި މިއީ ރާއްޖޭގެ އިންޝުއަރެންސް ސިނާއަތް ކުރިއެރި 14 ޕަސެންޓާ އަޅާބަލާއިރު ރެކޯޑްކުރިއެރުމެކެވެ.
އަމާނާ ތަކާފުލް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރިތާ މިހާރު ވަނީ އަށް އަހަރުވެފަ އެވެ.
އިއްޔެ ބޭއްވި އެ ކުންފުނީގެ އަށް ވަނަ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ބެހުމަށް ނިންމާފަ އެވެ.
އަމާނާތަކަފުލްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު އާމްދަނީގެ ގޮތުގައި 130 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނުއިރު ޖުމްލަ ފައިދާގެ ގޮތުގައި 11 މިލިއަން ރުފިޔާ ލިބުނެވެ. އެއީ 2017 ވަނައަހަރުގެ އާމްދަނީ އާއި ވިޔަފާރި ފައިދާއާ އަޅާބަލާއިރު 23 ޕަސެންޓާއި 113 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު އެ ކުރިއެރުން ހޯދުނީ އެ ކުންފުނިން ބުނި ގޮތުގައި ކުންފުނީގެ މައިގަނޑު ވިޔަފާރިތައް ކުރިއެރުވުމާއި މާކެޓިން ހަރަކާތްތައް ރޭވުންތެރިކަމާއެކު ހަރުދަނާގޮތެއްގައި ހިންގުމުގެ ސަބަބުންނެވެ. މީގެ އިތުރުން، ކުންފުނީގެ ހިންގުމަށް ގެނައި މުހިންމު ބަދަލުތައްވެސް މިކުރިއެރުންތަކަށް ހިއްސާކުރި ކަމަށް އެ ކުންފުނިން ބުންޏެވެ.
ޓެކްނޮލޮޖީގެ ގޮތުންނާއި ރިސާޗްއާއި ޑިވެލޮޕްމެންޓް އަދި ޑިސްޓްރިބިއުޝަން ޗެނަލްތައް އިތުރަށް ފުޅާކޮށް މާކެޓިން ހަރަކާތްތައް އިތުރުކުރުކޮށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ އިންސާނީ ވަސީލަތް ވެސް އިތުރުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އިންޝުއަރަންސް ބަދަލުގެ ގޮތުގައި ވެސް 47 މިލިއަން ރުފިޔާ މިދިޔަ އަހަރު ވަނީ ދީފަ އެވެ. އެއީ، 2017އާ އަޅާބަލާއިރު 16 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ހެޔޮ ހިންގުމުގެ ނިޒާމުގެ މާނައަކީ ރަނގަޅު ވިޔަފާރި، އެގޮތުން އަމާނާ ތަކާފުލް ދެމި އޮންނާނީ ވިޔަފާރީގެ އަޚްލާޤް އަދި ކޯޕަރޭޓް ގަވަނަންސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓާ އަދި އެމަގުން އެކަން ތަންފީޒުކުރުމާއި އެކު ހިރާސް މެނޭޖްކުރުން ހަރުދަނާކުރުމާއި ކުންފުނީގެ އެތެރޭގެ ހިންގުން ވަރުގަދަކުރުންމަތީ" އަމާނާ ތަކަފުލްގެ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާން ޔަގީންކަން ދެއްވި އެވެ.
އަމާނާ ތަކާފުލްއިން ވަނީ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ވިދިވިދިގެން 8 އަވަނަ އަހަރު ބެހުމަށް ނިންމާފައެވެ. 2018 ވަނަ އަހަރު ބެހި އިންޓެރިމް ޑިވިޑެންޑްއާ އެކު ރަސްމީ ޑިވިޑެންޑްއެއް ބެހުމަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ވަނީ ނިންމާފަ އެވެ. އެގޮތުން ހިއްސާއެއްގެ މޫނުމަތީގެ އަގުގެ 15 އިންސަތައިގެ ފައިދާއެއް 2018 ގައި ނިމުނު މާލީ އަހަރުގައި ބެހުމަށް ވަނީ ނިންމާފަ އެވެ.
ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބެހުމުގެ ބޭނުމަށް ހިއްސާގެ ރަޖިސްޓްރީ ބަންދުކުރާ އެންމެ ފަހުގެ ތާރީހަކީ 20 އެޕްރިލް 2019 އެވެ. އެ މުއްދަތާއި ހަމައަށް ރަޖިސްޓްރީވެފައިވާ ހުރިހާ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ލިބޭނެ އެވެ.
ކުންފުނީގެ ހިއްސާދާރުން ވަނީ ކުންފުނީގެ ބޯޑުގައި މިނިވަން ޑިރެކްޓަރެއްގެ ގޮތުގައި އިންނަވާ ޑރ.އަބްދުﷲ ޝިހާމް އާ ދައުރަކަށް އަލުން އިންތިހާބުކޮށްފަ އެވެ.
މިއަހަރުގެ އަހަރީ އާންމު ޖަލްސާގައިވެސް ވަނީ ކުންފުނީގެ ހިއްސާދާރުންނަށް ހިލޭ ޕާސަނަލް އެކްސިޑެންޓް ކަވަރެއް ދިނުމަށް ނިންމާފަ އެވެ. މިކަމާ ގުޅޭ މައުލޫމާތު ހިއްސާދާރުންނަށް ފަހުން އެންގޭނެ އެވެ.
ކުންފުނީގެ ބޯޑުގައި މިހާރު ތިއްބަވާ ޑިރެކްޓަރުންނަކީ، ޗެއާމަން ތައްޔިބް އަކްބަރް، އުސްމާން ކާސިމް، ދާތޯ މުހައްމަދު ފަޒްލީ ޔޫސުފް، ޑރ.އަބްދުﷲ ޝިހާމް، އަބްދުﷲ ކާސިމް އަދި މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާން އެވެ.