މަޖިލީހުގެ މެންބަރުން ހާޒިރު ނުވާތީ، ކޯރަމް ހަމަނުވެގެން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ ވަގުތަށް ނުފެށި ލަސްވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާ މިއަދު ހެނދުނު 9:00 އަށް ތާވަލް ކޮށްފައިވާއިރު، ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ފެށުނީ ގަޑިއެއްހާ އިރު ފަހުންނެވެ. ޖަލްސާ ފެށީ ހެނދުނު 10:00 ގަ އެވެ.

މަޖިލީހުގެ ޖަލްސާގައި މިއަދު އެޖެންޑާ ކޮށްފައިވަނީ، ހަތް ބިލަކަށް އިސްލާޙު ގެނައުމަށާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވަގުތީ ކޮމެޓީން ނިންމެވި ގޮތުގެ ރިޕޯޓު ހުށަހެޅުމެވެ. އަދި ވޯޓަށް އަހަން ހުރި ކަންކަމަށް ވޯޓަށް އެހުމެވެ.

އެޖެންޑާ ކޮށްފައިވާ ހަތް ގާނޫނަށް އިސްލާޙު ހުށަހެޅުމުގެ ހަތް ބިލު:

  • ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު

  • މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ 4 ބިލެއް
  • ޓޫރިޒަމް ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު
  • އާންމު ގާނޫނުތަކާއި ގަވައިދުތަަކަށް އިސްލާހު ގެނައުމުގެ ބިލު

މިއަދު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ ބާއްވާ އިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރައްވާނީ އަންނަ މަހު 28 ވަނަ ދުވަހު އެވެ.