ސިންދިތާ ފިހާރައިން ދެ ފުޅި ސެންޓް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ވިހި އަހަރުގެ އެމީހާ ހައްޔަރު ކޮށްފައިވަނީ ރޭ 10:20 އެހާކަށް ހާއިރު އެވެ.

ފުލުހުން ބުނީ، ރޭ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ޝަބުނަމް މަަގުން ދިޔަ 20 އަހަރުގެ ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން، ހުއްޓުވާ ބަލައި ފާސްކުރި އިރު، އޭނާގެ އަތުން ސިންދިތާ ފިހާރައިގެ ނަމުގައި އަގު ޖަހާފައި އޮތް ދެ ފުޅި ސެންޓް ފެނިފައިވާ ކަމަށެވެ.

އިތުރަށް ސާފުކުރުމަށް އެ ފިހާރައަށް ގޮސް ސުވާލުކުރުމުން، އެ މީހާ އަތުން ފެނުނު ދެ ސެންޓް ފުޅިއަކީ އެ ފިހާރައިން ވަގަށް ނަގާފައިވާ ތަކެތި ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ ސެންޓްފުޅީގެ އަގަކީ 420 ރުފިޔާއެވެ.

ވަގަށް ނެގި ދެ ސެންޓް ފުޅި -- ފޮޓޯ/ ފުލުހުން

މި މައްސަލައާ ގުޅިގެން މިހާރު އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

މިއަހަރު މިހާތަނަށް ވައްކަމުގެ 1،266 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފަ އެވެ. އޭގެ ތެރޭގައި މިމަހު މިހާތަނަށް ހުށަހެޅި 361 މައްސަލައެއް ހިމެނެ އެވެ.