29 Apr 2019, 09:24
ޓްރިޕޮލީ (އެޕްރީލް 29) -- ލީބިޔާގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރުގެ ބާރުތަކުން ވެރިރަށް ޓްރިޕޮލީ ހިފުުމަށް ކުރާ ހަނގުރާމައިގާ އެންމެފަހުން ދިން ވައިގެން ޙަމަލާތަކުގައި އަރަބި ގައުމެއްގެ ފައިޓާޖެޓްތައް ބައިވެރިވި ކަމަށް ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ބުނެފި އެވެ.
ޓްރިޕޮލީގައި ވެރިކަންކުރާ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ދާހިލީ ވަޒީރު ފަތްޙީ ބާޝާޣާ ވިދާޅުވީ ހަފްތަރުގެ ބާރުތަކުން ދިން ވައިގެ ހަމަލާތަކުގައި އަރަބި ގައުމެއްގެ ފައިޓާޖެޓްތައް ބައިވެރިވި ކަމުގެ ހެކިތައް އދ. އަށް ފޯރުކޮށްދޭނެކަމަށާއި އެކަމުގެ ތަހްގީގުތަކުގައި ބައިވެރިވުމުގެ ފުރުސަތު އދ. އަށް ދޭނެކަމަށެވެ.
ބާރުގެ ބޭނުންކޮށްގެން ޓްރިޕޮލީ ހިފުމަށް ޖެނެރަލް ހަފްތަރުގެ ބާރުތަކުން ފަށާފައިވާ ހަނގުރާމައަށް ވާގިވެރިވާ ކަމުގެ ތުހުމަތު ކުރެވެނީ އޭނާއަށް ތާއީދުކުރާ އަރަބި ތިންގައުމު ކަމަށްވާ މިސްރު ޔޫއޭއީ އަދި ސައޫދީ އަރަބިޔާއަށެވެ. މީގެތެރެއިން ޔޫއޭއީ އާއި ސައޫދީ އަކީ ޔަމަންގައިވެސް ހަނގުރާމަކުރަ ދެގައުމެވެ.
ހަފްތަރުގެ ބާރުތަކުން ލީބިޔާގެ އިރުމަތީ ސަރަހައްދުތައް ހިފި ދުވަސްވަރު ކަމަށްވާ 2016 ވަނައަރާއި 2017 ވަނަ އަހަރު ހަފްތަރަށް އެހީތެރިވުމަށްޓަކައި ލީބިޔާގެ އިރުމަތީގެ ރައްތައް ކަމަށްވާ ބެންޣާޒީ އަދި ދަރްނާ ފަދަ ސިޓީތަކަށް މިސްރުގެ ފައިޓާޖެޓްތަކުން ބޮންއެޅިކަން ވަނީ ހާމަވެފަ އެވެ. އަދި މިސްރުގެ އަސްކަރީ ބޭހެއް ބޭނުންކޮށްގެން ޔޫއޭއީގެ ފައިޓާޖެޓްތައްވެސް އެދުވަސްވަރު ހަފްތަރަށް އެހީތެރިވުމަށްޓަކައި ލީބިޔާއަށް ބޮން އެޅި ކަމަށް ޓްރިޕޮލީގައި ވެރިކަންކުރާ ހަފްތަރާ އިދިކޮޅު ސަރުކާރުން ތުހުމަތު ކުރި އެވެ. ނަމަވެސް މިފަހަރު ޓްރިޕޮލީއަށް ބޮންއެޅީ އަރަބި ކޮންގައުމަކުންކަން ވަތީނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ބުނެފައެއް ނުވެ އެވެ.
ހަފްތަރުގެ ބާރުތަކުން ޓްރިޕޮލީއަށް ދިން ވައިގެ ހަމަލާތަކުގައި ހަތަރު މީހުން މަރުވެ 24 މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުންޏެވެ. ހަމަލާތައް އަމާޒުކުރީ އަބޫސަލީމް ސިޓީއާއި ޓްރިޕޮލީގެ ވަށައިގެންވާ މަދަނީ ބައެއްތަންތަނަށް ކަމަށް ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ދާހިލީ ވަޒީރު ވިދާޅުވި އެވެ.
ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަމުގައި ޖެނެރަލް ހަލީފާ ހަފްތަރުގެ ބާރުތަކުން ވެރިރަށް ޓްރިޕޮލީ ހިފުމަށް މަސައްކަތް ކުރަނީ ލީބިޔާގެ ވެރިކަމަށް އައުމަށް އޭނާ ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުންނެވެ.
ޓްރިޕޮލީ ހިފުމަށް މި އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ހަފްތަރު ގެ ބާރުތަކުން ފެށި ހަނގުރާމައިގާ މިހާތަނަށް ލީބިޔާގެ 270 އަށްވުރެ ގިނަ އާންމުން މަރުވެފައިވާއިރު އެތަށް ސަތޭކަ ބަޔަކު ޒަހަމްވެފައިވެ އެވެ. އަދި ހަނގުރާމައިގެ ނުރައްކަލުން ސަލާމަތް ވުމަށްޓަކައި ޓްރިޕޮލީގެ އާންމުންގެ އެތަށް ހާސްބަޔަކު ގެންދަނީ ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ލީބިޔާގެ ރައްކާތެރި ތަންތަނަށް ހިޖްރަކުރަމުންނެވެ.
ލީބިޔާގެ ވަތަނީ އެއްބައިވަންތަކުގެ ސަރުކާރަށް ވާގިވެރިވަނީ ގަތަރާއި ތުރުކީންނެވެ. އެދެގައުމުންވަނީ ހަފްތަރުގެ ބާރުތަކުން ޓްރިޕޮލީއަށް ދިން ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. (ނޫސްއެޖެންސީތައް)