މިއަދު ނިމިގެން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ބޮޑެތި ނިންމުންތަކެއް ނިންމައިފަ އެވެ. މީގެ ކުރިން މަޖިލީހެއްގައި ނުނިންމާ ވަރުގެ ބޮޑެތި ނިންމުންތަކެއް މި މަޖިލީހުގެ ފަސް އަހަރުގެ ތެރޭގައި ނިންމި އެވެ. ތިން ފަހަރަކަށް ގާނޫނު އަސާސީއަށް ވެސް ބަދަލުގެނަ އެވެ. ރައްޔިތުންގެ ހައްގުތަކެއް ހަނިކުރި އެވެ. ބޮޑެތި ހާޖާނުތަކުގެ ތެރޭގައި މަޖިލިސް އޮންނަން ޖެހުނެވެ. މިއީ ހައްތާހާ ވެސް 18 ވަނަ ރައްޔިތުންގެ މަޖިލިސް ސިފަ ކުރެވޭ ގޮތެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ މެއި 28 ގައި ހުވާކުރި އެ މަޖިލީހުގެ ފުރަތަމަ ދައުރު ދިޔައީ ވަރަށް ވެސް އަމާން އޮމާންކޮށެވެ. ނަމަވެސް 2014 ވަނަ އަހަރު ނިމެންދެން އެ ހަމަޖެހުން ދެމި ނޯތެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް އޭރުގެ އިދިކޮޅު ޕާޓީ، އެމްޑީޕީގެ މެންބަރު މަރަދޫ ދާއިރާގެ އިބްރާހީމް ޝަރީފް ކޯޓުތަކުގެ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވި އެވެ. އެ ބިލް ފާސްކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 46 މެންބަރުން ވޯޓު ދެއްވާފައިވާއިރު ނުފެންނަ ކަމަށް 19 މެމްބަރަކު ވޯޓު ދެއްވި އެވެ. އެ ބިލް ތަސްދީގު ކުރުމުން އޭރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެވެ. އެކަން ފާސްކުރަން ޖެހުނީ އިދިކޮޅު އެމްޑީޕީ އިން މަޖިލީހުގެ ތެރޭގައި އެކަމާ ދެކޮޅަށް ވަކާލާތު ކުރަމުން ވެސް ދަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ސަން ފައިލް ފޮޓޯ

ފާއިޒު އާއި މުއުތަސިމް ވަކި ކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނިކޮށް ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ބާތިލުކޮށް ދިނުމަށް އެދި ހަމަ އެ ދުވަހު އެމްޑީޕީން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. އަދި އެ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދާއި ގާނޫނީ ވަކީލު ހަސަން މާޒު ޝަރީފް އަދި ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވެސް ހައިކޯޓަށް މައްސަލައެއް ހުށަހަޅި އެވެ. ނަމަވެސް ހައި ކޯޓުން އެ އިސްލާހު ބާތިލް ކޮށްދީފައެއް ނުވެ އެވެ.

ދައުލަތުގެ މީޑިއާ ހިންގަމުން އައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އުވާލައި އާ ކުންފުންޏެއް އުފައްދަން ފާސްކުރީ ވެސް ނިމިގެން މިދާ 18 ވަނަ މަޖިލީހުގަ އެވެ.

ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކަށް ހަމަހަމަ އުސޫލަކުން ރޯދަ އިނާޔަތް ދިނުމަށް ޓަކައި 3،000 ރުފިޔާ ރޯދަ އެލަވަންސަށް ކަނޑައަޅައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން 18 ވަނަ މަޖިލީހުން ފާސްކުރި އެވެ.

ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގައި 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫ ނުކުރާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މަޖިލީހުން އިސްލާހުވެސް ގެނެ އެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް ބޭނުންވާ ކޮންމެ މީހަކަށް ވެސް އެކަން ކުރެވޭ ގޮތަށް ސިޓިޒަންޝިޕް ގާނޫނު އިސްލާހު ގެނައީ ވެސް 18 ވަނަ މަޖިލީހުންނެވެ.

އާންމުކޮށް އިއުލާނު ކުރުމަކާ ނުލައި ފަތުރުވެރިކަމާ ގުޅޭ ކަންކަމަށް ރަށް، ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އޭރުގެ ވެރިކަން ކުރި ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކް ހުށަހެޅުއްވި އިސްލާހު ފާސްކުރީ 45 މެމްބަރުންގެ ވޯޓާ އެކު އެވެ. އިސްލާހު ފާސްކުރުމާ ދެކޮޅަށް 19 މެމްބަރުން ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި އެމްޑީޕީ އިން އިހުތިޖާޖު ކުރަނީ: ސަން ފައިލް ފޮޓޯ

އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންނެވި ގޮތަށް ކޮމަންވެލްތުން ވަކިވާން މަޖިލީހުން ފާސްކުރި ކުރުމަކީ ނިމިގެން ދިޔަ މަޖިލީހުން ނިންމި އެންމެ ބޮޑެތި ކަންތައްތަކުގެ ތެރެއިން އެއްކަމެވެ. ކޮމަންވެލްތުން ވަކިވުމަށް ފެންނަ ކަމަށް 39 މެމްބަރަކު ވޯޓު ދެއްވި އިރު އެކަމާ ދެކޮޅަށް 19 މެމްބަރަކު ވޯޓު ދެއްވި އެވެ. ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވެފައި ވަނީ 1982ވަނަ އަހަރު އެވެ.

ފުލުހުންގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް، އުޅަނދު ބުރެއް މާލޭގައި ނުބޭވޭ ގޮތަށް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ 37 މެމްބަރުންގެ ވޯޓުންނެވެ. އެ އިސްލާހާ ދެކޮޅަށް 26 މެމްބަރަކު ވޯޓު ދެއްވި އެވެ.

ފުލުހުންގެ ހުއްދަ ހޯދައިގެން މުޒާހަރާ ކުރަންޖެހޭ ގޮތަށް މަޖިލީހުން ފާސްކުރިއިރު، ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. މި އިސްލާހުތަކަށް ފާޅުގައި އެމްޑީޕީއިން ގެންދިޔައީ ހަރުއަޑުން މަޖިލީހުގައި ދެކޮޅު ހައްދަވަމުން އެވެ.

ސިނގިރެޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުވާގޮތަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައީ ވެސް ނިމިގެން މިދާ މަޖިލީހުންނެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު ނުވައަކުން 11 އަށް ބަދަލުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ފާސްވެސް ކުރި އެވެ.

ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ޝަރުއީ ކޯޓަކުން ކަނޑައަޅާ ހިސާބުން ފަނޑިޔާރުގެ މަގާމު ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކުރީ ވެސް 18 ވަނަ މަޖިލީހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މޭޒު ދޮށުގައި އެމްޑީޕީ މެމްބަރުން މަޑުކޮށްގެން -- ފޮޓޯ/ ޓުވީޓާ

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެންކްޝަން ބިލް 36 މެމްބަރުންގެ ވޯޓާ އެކު ނިމިގެން ދިޔަ މަޖިލީހުން ފާސްކުރި އެވެ. އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ އެ ބިލު ހިނގާނީ 13 ޖުލައި 2017 ވަނަ ދުވަހުގެ ފަހުން މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް އިލެކްޝަނުން މަޖިލީހަށް އަންގާފައިވާ ހާލަތްތަކުން ފެށިގެން ކަމަށް ކަނޑަ އެޅުމަށް ފަހު އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅި އިރު ބުނެފައި ވަނީ އެ ބިލަށް އަމަލު ކުރަން ފަށާނީ ގާނޫނަކަށް ބަދަލުވެ ތަސްދީގު ކުރާ ދުވަހުން ފެށިގެން ކަމަށެވެ.

ރައްޔިތުންގެ އެއެއްގެ މައްޗަށް އަމަލު ކުރަން ލާޒިމު ކުރާ ކަންކަމާ ގުޅޭ ގާނޫނުތައް ފާސްކުރާއިރު 43 މެމްބަރުން ހަމަ ނުވިޔަސް ވޯޓަށް އެހުމަށް އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހުށަހަޅުއްވައި ވަނީ ފާސްކޮށްފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މިނިވަން ކުރުމަށް ކޯޓުތަކުގައި އިލްތިމާސް ކުރުމަށް އެދި މިދިޔަ އަހަރުގެ ނޮވެމްބަރު 12 ވަނަ ދުވަހު ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅައި ފާސްކޮށްފަ އެވެ.

މަޖިލީހުގެ ރިޔާސަތުގެ ވަށައިގެން ސިފައިން ގާޑުކޮށްގެން: 18 ވަނަ މަޖިލިސް ކުރިއަށް ގެންދަން ޖެހުނީ ހަލަބޮލި ކަމެއްގެ ތެރޭގައި--- ފޮޓޯ/ ޓްވިޓާ

އަންހެނުން މައްސަރު ދުވަސްވަރު ބޭނުންކުރާ ޕެޑާއި ޓެމްޕެކްސް ފަދަ ބާވަތްތަކުން ނަގާ ޓެކްސް އާއި ދަނޑުވެރި ކަމަށް އެތެރެކުރާ ތަކެތީގެ އިތުރުން ޑީސަލުން ޑިއުޓީ ކަނޑާލަން ފާސްކުރީ ވެސް 18 ވަނަ މަޖިލީހުންނެވެ.

ނިމިގެންދިޔަ މަޖިލީހުން ފާސްކުރި ބައެއް ކަންތައްތައް ވަނީ ހަމަ އެ މަޖިލީހުން ބާތިލް ކުރުމަށް ވެސް ފާސްކޮށްފަ އެވެ. މީޑިއާތައް ބަންދު ކުރުމުގެ ބާރު ލިބޭ ގޮތަށް ފާސްކުރި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނާއި ބޭރުގެ ފަރާތްތަކަށް ރާއްޖޭން ބިން މިލު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު އަދި ވެރިކަން ކުރެވޭ އުމުރު ކަނޑައެޅުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ވެސް ހަމަ މި މަޖިލީހުން އުވާލި އެވެ.

ފެބްރުއަރީ 15، 2018: އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މަހުލޫފް މަޖިލީހުގެ އިދާރާއިން ނެރެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ކުއްލި ބަދަލު މަޖިލީހަށް އައީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމާ ހަމައިން އެވެ. މީގެ ކުރިން އިދިކޮޅު ފަރާތްތަކުން އެތައް މަސައްކަތްތަކެއް ކޮށް ވެސް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ބޭރު ނުކުރެވުނު ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު މަޖިލީހުގެ ރައީސް ކަމަށް، ގާސިމް އިބްރާހިމް އައްޔަން ކުރި އެވެ. ޖުމްލަ 12 މެންބަރެއްގެ ގޮނޑި ގެއްލުވާލާ މަޖިލިސް ބަންދުވެފައި އޮތް އޮތުން ނިމުމަކަށް އައިސް މަޖިލިސް ހުޅުވުނެވެ. ސިފައިން މަޖިލީހުގެ ތެރެއިން މިހާރު ނުފެނުނަސް މަޖިލިސް ހިނގާ ގޮތާ މެދު އޮތް ޝަކުވާތަކަށް އަދިވެސް ނިމުމެއް ނެތެވެ.

އަށާރަ ވަނަ މަޖިލީހުގެ ފަހު ޖަލްސާ މިއަދު ބާއްވާ އިރު އެ މަޖިލީހުގެ މަސައްކަތާ މެދު އެކި ރައްޔިތުން ދައްކާނީ އެކި ވާހަކަ އެވެ. އެއް ބަޔަކަށް މިއީ މުހިންމު ނިންމުންތައް ނިންމި ވަރުގަދަ ގަދަފަދަ މަޖިލީހެކެވެ. އެކަމަކު އަނެއް ބަޔަކަށް މިއީ ރައްޔިތުންގެ ހައްގުތައް ހަނިކުރި ލަދުވެތި މަޖިލީހެކެވެ.