20 Oct 2011, 12:17
މި ސީޒަނުގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑަށް ލިބޭ ކާމިޔާބީ އާއި ހިތްހަމަ ޖެހޭކަމަށް އެކުލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ. ޗެމްޕިއަންސް ލީގު ހުރިހާ މެޗަކުން މޮޅުވެ، ސްޕެނިޝް ލީގުގެ ހަތް މެޗުގެ ތެރެއިން ފަސް މެޗަކުން ރެއާލް މޮޅުވެފައި ވެއެވެ.
ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ލިޔޯން މައްޗަށް 4-0 ލަނޑުން ކާމިޔާބުކޮށް ގްރޫޕް ޑީ ގެ އެއްވަނަ މަގާމުގައި ހަމަޖެހިލާފައިވާ ރެއާލް އޮތީ ސްޕެނިޝް ލީގުގެ ތިންވަނާގަ އެވެ. ވާދަވެރި ބާސެލޯނާ އެއްވަނާގައި އޮއިރު ދެވަނާގައި އޮތީ ލަވެންޓޭ އެވެ.
"މިއީ އަހަރެން ކުލަބާއި ހަވާލުވި ފަހުން ލިބެމުން އަންނަ އެންމެ މުހިންމު ދަނޑިވަޅު ކަމަށް ވެދާނެ. އެހެން ނަމަވެސް ފަސް ޕޮއިންޓް ގެއްލުންތާ އަދި މާ ގިނަ ދުވަހެއް ނުވޭ. އަދިވެސް ގިނަ ކަންތައްތަކެއް ރަނގަޅު ކުރެވޭނެ. މިހާރު އަހަރެމެން މިއޮތީ ރަނގަޅު މަގާމެއްގައި. ކުރިއަށް އޮތީ އުނދަގޫ މެޗުތަކެއް. ބްރޭކް އަކާއި ނުލާ މަލާގާ އާއި، ވިލަރެއާލް އަދި ރެއާލް ސޮސިއެޑާޑް އާއި ބައްދަލު ކުރަން ޖެހޭނީ." މޮރީނިއޯ ބުންޏެވެ.
މިސީޒަނުގެ ދެމެޗެއްގައި ރެއާލް އަށް ހެޓްރިކެއް ކާމިޔާބު ކޮށްދިން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަހު ތިން މެޗުގައި ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ރޮނާލްޑޯ އަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ޓީމަށް ގޯލު ކާމިޔާބު ކުރެވޭ ނަމަ، އެއީ މައްސަލައެއް ނޫންކަމަށް މޮރީނިއޯ ބުންޏެވެ.
"ރޮނާލްޑޯގެ ކުޅުމާ މެދު އަހަރެން އުފާކުރަން. މައްސަލައަކަށް ވާނީ ރޮނާލްޑޯ އަށް ލަނޑު ކާމިޔާބު ނުކުރެވި، ޓީމަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވުމުން. ފަހުން ކުޅެވުނު މަދު މެޗެއްގައި ރޮނާލްޑޯ އަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ޓީމުން ދަނީ ލަނޑުތައް ކާމިޔާބު ކުރަމުން. މިދިޔަ އަހަރު އޭނާ ވަނީ ރަން ބީޓާއި ޕިޗިޗީ ވެސް ކާމިޔާބު ކޮށްފައި. މިސީޒަނުގައި އެއަށްތުރެ ގިނަ އަދި މުހިންމު ކާމިޔާބީ ތައް ރޮނާލްޑޯ ހޯދާނެ ކަމަށް އުންމީދު ކުރަން." މޮރީނިއޯ ބުންޏެވެ.