ސަލްމާން ޚާނާއި ކެޓްރީނާ ކެއިފް ލީޑު ރޯލުން ފެނިގެންދާ "ޓައިގާ"ގެ ތިން ވަނަ ބައެއް ހަދާނެ ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފިއެވެ.

މީގެ ކުރިން ވެސް އެ ފިލްމުގެ ތިން ވަނަ ސީކުއަލްއެއް ހަދަން ނިންމާފައިވާ ކަމަށް އަޑު އަރާފައިވެއެވެ. ނަމަވެސް އޭރު އެކަން ކަށަވަރުވެފައެއް ނުވެއެވެ.

ޑައިރެކްޓަރު އަލީ ބުނީ ފިލްމުގެ ތިން ވަނަ ބައެއް ހަދާނެ ކަމަށާއި އެ ފިލްމުގެ ސްކްރީން ޕްލޭ ލިޔަމުން އަންނަ ކަމަށެވެ.

ދެހާސް ބާރަ ވަނަ އަހަރު ސީކުއަލްގެ ފުރަތަމަ ފިލްމު "އޭކް ދަ ޓައިގާ" ގެނެސްދިނީ ކަބީރު ހާންއެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ވަނީ "ޓައިގާ ޒިންދާ ހޭ" ގެނެސްދީފައެވެ.

ފިލްމު އިއުލާންކުރި ނަމަވެސް ފިލްމުގެ ޝޫޓިން ފަށާނެ ތާރީހެއް އަދި ފިލްމު ސިނަމާއަށް އަންނާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.

ސަލްމާން ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ބާރަތު"އިންނެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. ފިލްމުގައި ދައްކުވައިދެނީ މީހަކު އޭނާގެ ގައުމަށްޓަކައިވާ ގުރުބާނީއެވެ.