28 Apr 2019, 22:21
މާދަމަ އިން އިން ފެށިގެން އަވަށްޓެރި ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާ ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަަމަލާތަކާ ގުޅިގެން އެ ގައުމުގައި ދަނީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ރައީސް އޮފީހާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަލާމަތީ ސަބަބުތަކަށް ޓަކައި މާދަމަ އިން ފެށިގެން ކާކުކަން ނޭނގޭ ގޮތަށް އެގައުމައި ހެދުން އެޅުމަކީ މަނާކަމެއްގެ ގޮތުގައި ސަރުކާރުން ނިންމައިފަ އެވެ. އޭގެ ތެރޭގައި މޫނު ބުރުގާ އެޅުން ވެސް ހިމެނެ އެވެ.
ލަންކާގައި މޫނު ބުރުގާ އެޅުން މަނާ ކޮށްފައިވާ އިރު، މިއަދު ބޮޑުވަޒީރުގެ އޮފީހުން ވަނީ، ޖަސްޓިސް މިނިސްޓަރަށް މޫނު ބުރުގާ އެޅުން މަނާ ކުރާ ގާނޫނުނެއް ޑްރާފްޓްކުރުމަށް ލަފާ ދިފަ އެވެ. ބޮޑުވަޒީރުގެ އޮފީހުން މިގޮތަށް ނިންމީ އެ ގައުމުގެ މައި އިސްލާމީ ޖަމްއިއްޔާ ކަމައްވާ، "އޯލް ސިިލޯން ޖަމިއްޔަތުލް އުލަމާ" (އޭސީޖޭޔޫ) އާ މަޝްވަރާކުރުމަށް ފަހު އެވެ.
ލަންކާގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން އޭސީޖޭޔޫ އިން މީގެ ކުރިން ވެސް ވަނީ މޫނު ބުރުގާ އެޅުން މަނާ ކުރުމަށް ގޮވާލައިފަ އެވެ.
ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ބައެއް ފިރިހެނުން މޫނު ބުރުގާ އަޅައިގެން ގޮވާތަކެތަކެއްޗާ އެކު ހައްޔަރުކޮށްފައި ވެސްވެ އެވެ.
ލަންކާގައި ދެ މިލިއަނެއްހާ މުސްލިމުން ދިރިއުޅޭ އިރު، މުސްލިމުންގެ ތެރެއިން މޫނު ބުރުގާ އަޅަނީ މަދު މުސްލިމުންތަކެކެވެ.
ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފަ އެވެ.