ޗެމްޕިއަންސް ލީގުގައި އިތުރު ވަގުތުޖެހި ލަނޑުން އާސެނަލް އަށް ރޭގެ މެޗު އުނދަގޫކަމާއެކު ކާމިޔާބު ކުރެވުނުއިރު ޗެލްސީ އަށް ފަސޭހަ މޮޅެއް ލިބިއްޖެ އެވެ. އަމިއްލަ ދަނޑުގައި ބާސެލޯނާ އާއި އޭސީ މިލާން ވެސް ވަނީ ކާމިޔާބީ ހޯދާފައެވެ.

ގްރޫޕް އީ ގައި ރޭސިންގް ގެންކް ކޮޅަށް ގިނަ ގޯލުތަކެއް ޖަހާ ޗެލްސީން މެޗު ކާމިޔާބު ކުރުމަށްފަހު، ގޯލުގެ ފައިދާތަކެއް އެޓީމުން ވަނީ ހޯދާފައެވެ. ފުރަތަމަ ލަނޑު މެޗުގެ އަށް ވަނަ މިނެޓުގައި ޗެލްސީ އަށް ކާމިޔާބު ކޮށްދިނީ ރައުލް މެރީލޭސް އެވެ. މެޗުގެ އެގާރަ ވަނަ މިނެޓުގައި ފެނާންޑޯ ޓޮރޭސް ވަނި ފެންވަރު ދައްކާލައި ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ތިންވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ވެސް ޓޮރޭސް އެވެ. މެޗުގެ 42 ވަނަ މިނެޓުގައި ޗެލްސީ ގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗް އެވެ. ފަހު ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ޗެލްސީ އަށް ކާމިޔާބުކޮށްދީ ނަތީޖާ 5-0 ލަނޑަށް ހަދައިދިނީ ސަލަމަން ކަލޫ އެވެ.

މިގްރޫޕުގައި ކުޅުނު އަނެއް މެޗުން ވެލެންސިއާ ގެ މައްޗަށް ބެޔާން ލެވަކޫސަން ކާމިޔާބު ހޯދީ ފަހަތުން އަރައެވެ. ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ވެލެންސިއާ އަށް ކާމިޔާބު ކޮށްދިނީ ޖޯނަސް އެވެ. މެޗުގެ 52 ވަނަ މިނެޓުގައި އަންދުރޭ ޝާލޭ ލެވަކޫސަން އަށް ނަތީޖާ ހަމަހަމަ ކޮށްދިންތާ ހަތަރު މިނެޓް ފަހުން ސިޑްނޭ ސޭމް އެޓީމަށް ލީޑު ނަގައިދިނެވެ. މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން ލެވަކޫސަން ކުރީގައި އޮވެގެންނެވެ. މިގްރޫޕުގެ އެއްވަނާގައި ހަތް ޕޮއިންޓާއެކު ޗެލްސީ އޮތްއިރު، ހަ ޕޮއިންޓާއެކު ދެވަނާގައި އޮތީ ލެވަކޫސަން އެވެ. ދެ ޕޮއިންޓާއެކު ތިންވަނާގައި ވެލެންސިއާ އޮތްއިރު، ފުލުގައި އޮތީ ގެންކް އެވެ.

ގްރޫޕް އެފް ގައި ކުޅުނު މެޗުން މާސޭލް ގެ މައްޗަށް އާސެނަލް އަށް ކުރި ހޯދުނީ އިތުރު ވަގުތުގައި ރަމްސީ ކާމިޔާބު ކުރި ލަނޑުގެ ސަބަބުން ނެވެ. ދެޓިމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިފައިވެ އެވެ. މިމެޗު ނިމިގެންދިޔައީ 1-0 ލަނޑުން އާސެނަލް ކުރީގައި އޮވެގެން ނެވެ.

މިގްރޫޕުގައި ކުޅުނު އަނެއް މެޗުން ގްރީސްގެ އޮލިމްޕިއާކޯސް ފަސޭހަ ކަމާއެކު މޮޅުވީ ޖަރުމަން ޗެމްޕިއަން ބޮރޫސިއާ ޑޯޓްމުންޑް އާއި ބައްދަލު ކޮށްގެން ނެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ހޯސޭ ހޯލްބަސް ވަނީ އޮލިމްޕިއާކޯސް އަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މެޗުގެ 26 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީ ވަނީ ޑޯޓްމުންޑް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ 40 ވަމަ މިނެޓުގައި ރަފިކް ޖެބޯރް އޮލިމްޕިއާކޯސް އަށް ލީޑު ހޯދައިދިން އިރު، 78 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ ފްރެންކޮއިސް މޮޑެސްޓޯ އެވެ. މިމެޗު ނިމިގެންދިޔައީ 3-1 ލަނޑުން އޮލިމްޕިއާކޯސް ކުރީގައި އޮވެގެންނެވެ. މިގްރޫޕުގެ އެއްވަނާގައި ހަތް ޕޮއިންޓާއެކު އޮތީ އާސެނަލް އެވެ. ހަ ޕޮއިންޓާއެކު ދެވަނާގައި މާސޭލް އޮތްއިރު، ތިން ޕޮއިންޓާއެކު ތިންވަނާގައި އޮތީ އޮލިމްޕިއާކޯސް އެވެ. އަދި ފުލުގައި އޮތީ ޑޯޓްމުންޑް އެވެ.

ގްރޫޕް ޖީގައި ކުޅުނު ދެމެޗު ވެސް ނިމިގެންދިޔައީ އެއްވަރު ވެގެންނެވެ. ޕޯޓޯ މޮޅުވިޔަނުދީ އެޕޯލް ނިކޯސިއާ އިން ވަނީ ހިފަހައްޓާފަ އެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޕޯޓޯ އަށް ހަލްކް ލީޑް ހޯދައިދިންތާ ހަ މިނެޓް ފަހުން އޭލްޓަން އަލްމޭދާ ވަނީ ނިކޯސިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މިމެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

މިގްރޫޕުގެ އަނެއް މެޗުގައި ޒެނިތް ސެއިންޓް ޕީޓަސްބާގް އިން ވަނީ ޝާޚްތަރް ޑޮނެސްކް ހިފަހައްޓާފަ އެވެ. މެޗުގެ ދިހަ ވަނަ މިނެޓުގައި ޒެނިތް ގެ ރޯމަން ޝޮރަކޯވް އަށް ލިބުނު ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. ނަތީޖާއެއްގެ ގޮތުން އޭގެ ފަސް މިނެޓް ފަހުން ޝާޚްތަރް ގެ ވިލިއަން ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 33 ވަނަ މިނެޓުގައި ޒެނިތް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޯމަން ޝިރަކޯވް އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލުއިޒް އެޑްރިއާން ޝާޚްތަރް އަށް އަލުން ލީޑު ނަގައިދިނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ވިކްޓާ ފައިޒުލިން ޒެނިތް އަށް އަލުން ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މިމެޗު ނިމިގެންދިޔައީ 2-2 ލަނޑު ދެޓީމު އެއްވަރު ވެގެންނެވެ. މިގްރޫޕުގެ އެއްވަނާގައި ފަސް ޕޮއިންޓާއެކު ނިކޯސިއާ އޮތްއިރު، ހަތަރު ޕޮއިންޓާއެކު ދެވަނާގައި އޮތީ ޒެނިތް އެވެ. ތިންވަނާގައި ޕޯޓޯ އޮތްއިރު، ފުލުގައި އޮތީ ޝާޚްތަރް އެވެ.

ގްރޫޕް އެޗްގައި ކުޅުނު ދެމެޗުގެ ނަތީޖާ ނިމިގެންދިޔައީ 2-0 ލަނޑުންނެވެ. ގިނަ ފުރުސަތުތަކެއް ލިބުނު ބާސެލޯނާ އިން ވަނީ ވިކްޓޯރިއާ ޕުލްޒެން ގެ މައްޗަށް ކާމިޔާބު ހޯދާފައެވެ. މެޗުގެ ދިހަ ވަނަ މިނެޓުގައި އަންދުރޭސް އިނިއެސްޓާ ބާސާ އަށް ލީޑް ނަގައިދިން އިރު، 82 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ ޑޭވިޑް ވިޔާ އެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން ބާސާ ކުރީގައި އޮވެގެން ނެވެ.

މިގްރޫޕުގެ އަނެއް މެޗުން އޭސީ މިލާން އިން ވެސް މޮޅު ކުޅުމަކާ އެކު ބާޓޭ ބޮރިސޯވްގެ މައްޗަށް ކުރި ހޯދާފައި ވެއެވެ. މެޗުގެ 33 ވަނަ މިނެޓުގައ ޒްލަޓަން އިބްރަހިމޮވިޗް މިލާނަށް ލީޑު ނަގައިދިން އިރު، 70 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާ ކޮށްދިނީ ކެވިން ޕްރިންސް ބޯޓެންގް އެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން މިލާން ކުރީގައި އޮވެގެންނެވެ. މިގްރޫޕުގެ އެއްވަނާގައިވަ ބާސެލޯނާ އަށާއި ދެވަނާގައި އޮތް އޭސީ މިލާނަށް ވެސް ލިބެނީ ހަތް ޕޮއިންޓެވެ. ބާސެލޯނާ ކުރީގައި އޮތީ ތިން ގޯލުގެ ތަފާތުން ނެވެ. ތިންވަނާގައި ބޮރިސޯވް އޮތްއިރު، ފުލުގައި އޮތީ ޕުލްޒެން އެވެ.