28 Apr 2019, 17:51
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކެޓްރީ ޖެނަރަލަކަށް ގީލާ އަލީ ހަމަޖައްސައިފި އެވެ.
ގީލާ އެ މަގާމަށް ހަމަޖެއްސިކަން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.
ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވި ގިލާ ވަނީ ޕީއެންސީގެ ވަގުތީ ރަޖިސްޓްރާގެ މަގާމް ވެސް އަދާކުރައްވާފައެވެ.
އޭނާ ވަނީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފަ އެވެ. އަދި އޭގެ ކުރިން ވަނީ ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
ޕީއެންސީގެ ފުރަތަމަ ކޮންގްރެސް އިއްޔެ ވަނީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސުކޫލްގައި ބާއްވާފަ އެވެ. އެ ޕާޓީގެ ރައީސްގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ އެކަނި ކުރިމަތިލެއްވުމުން އޭނާ ވަނީ އޮޓަމެޓިކުން ރައީސްގެ މަގާމަށް އައިސްފަ އެވެ. އަދި ނައިބް ރައީސުންގެ ގޮތުގައި ވަނީ މުހައްމަދު ސައީދު އާއި އަހުމަދު ނިހާން ހުސައިން މަނިކާއި އިބްރާހިމް ޝުޖާއުގެ އިތުރުން މުހައްމަދު ހުސައިން ޝަރީފް (މުންދު) އިންތިހާބް ކޮށްފަ އެވެ.