ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން މަރުހަބާ ކިޔައި ސިޓީ ފޮނުއްވައިފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަކަށް މެމްބަރުން ވަނީ އިންތިހާބު ކޮށްފަ އެވެ. މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އިންތިހާބުވި ކޮންމެ މެމްބަރަކަށް ވަކިވަކިން ސިޓީ ފުޅެއް ފޮނުއްވައިފަ އެވެ.

"ނަވާރަ ވަނަ މަޖިލީހަށް އިންތިހާބުވެ ވަޑައިގަތުމާ ގުޅިގެން އިހްލާސްތެރިކަމާ އެކު ތަހުނިޔާ އާއި މުބާރިކު ބާދީ ދަންނަވަން." މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މެމްބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ސިޓީގައި އިތުރަށް ބުނެފައި ވަނީ މަޖިލީހަށް އަަލަށް އިންތިހާބުވި މެމްބަރުން ހުވާ ކުރެއްވުން މޭ މަހުގެ 28 ވަނަ ދުވަހު އޮންނާނެ ކަމަށާއި މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމާ ގުޅޭ ކަންކަން މިހާރު އިންތިޒާމު ކުރަމުން ދާ ކަމަށެވެ. އަދި އެ ރަސްމިއްޔާތާ ގުޅޭ ތަފްސީލު އިންތިހާބުވި މެމްބަރުންނަށް އަރުއްވަމުން ގެންދަވާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 208 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން އަލަށް އިންތިހާބުވި މެމްބަރުން ހުވައި ކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ.

މި މަހުގެ ހަވަނަ ދުވަހު ބޭއްވި އިންތިހާބުގައި ސަރުކާރު މައި ޕާޓީ އެމްޑީޕީ އިން ވަނީ ސުޕަ މެޖޯރިޓީއެއް ހޯދައިފަ އެވެ. އެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކުރީ އެމްޑީޕީއިންނެވެ.