ރާއްޖެއަކީ ސިޔާސީ ފޯރި ގަދަ ގައުމެކެވެ. އިންތިހާބުތަކުގައި އެ ފޯރި އިތުރަށް ގަދަވަނީ ކެމްޕޭނުތަކުގެ ސަބަބުންނެވެ. ސިޔާސީ ކެމްޕެއިނުތަކުގެ އަވައިގައި ނުޖެހޭ ބަޔަކު ނޫޅޭނެއެވެ. ޑޯޓުޑޯ ކެމްޕެއިނުތަކާއި އިންތިހާބީ ވައުދުތައް އެކި ދިމަ ދިމާލުން އިވެއެވެ. ރާއްޖޭގެ އިންތިހާބުތައް ކާމިޔާބު ކުރުމަށް ކެންޑިޑޭޓުން މި ބޭނުންކުރަނީ މި އުކުޅުތަކެވެ.

ރާއްޖޭގައި ބޭނުންކުރާ ކެމްޕެއިން އުކުޅުތައް ދިވެހިރާއްޖޭގެ އަސްދަނޑީން ބޭރުވެ އަސޭކަރައާ ހަމައަށް މިވަނީ ގޮސްފައެވެ. އަސޭކަރަ ނުވަތަ އިންޑޮނޭޝިއާގެ އާންމު އިންތިހާބުގައި ދިވެއްސެއްގެ އަންބަކު ވާދަކޮށް މިވަނީ ކާމިޔާބު ހޯދައިފައެވެ.

އިންޑޮނޭޝިއާގެ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޕީކޭބީ ޕާޓީގެ ސްލޮޓެއްގައި އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އަހުމަދު ހަލީމްގެ އަނބިކަނބަލުން ތަތީ ރަހުމަވަތުއެވެ.

ތަތީގެ ކެމްޕެއިންގެ ތެރެއިން -- ފޮޓޯ: ހަލީމް

މީގެ ކުރިން ބޭއްވި އިންތިހާބުގައިވެސް ތަތީ ވާދަކުރެއްވިއެވެ. ނަމަވެސް އެފަހަރު އިންތިހާބުން ނާކާމިޔާބުވުމުން މަސައްކަތް ކުރެއްވީ މަޖިލިސް މެންބަރެއްގެ ސެކްރެޓަރީއެއްގެ ގޮތުގައެެވެ.

"އަޅުގަނޑު ދެންނެވީ މިފަހަރު ހިނގާށޭ ކެމްޕެއިން ތަފާތުކޮށްލަން. ދެން ރާއްޖޭގައި މިޖައްސާހެން ޑޯޓުޑޯ ޖައްސައި ކޮންމެ ހަފްތާއަކު ކޮންމެވެސް ހަރަކާތެއް ބޭއްވީ. އަޅުގަނޑުމެންގެ އަސްލު ޓާގެޓަކަށްވީ މަޖިލީހަށް އަންހެނުން އިންތިހާބުކޮށް ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން އަންހެނުން ބާރުވެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަންގައިދިނުން. އަންހެނުން ބާރުވެރިކުރުމާ ގުޅޭ ވާހަކަތަކާއެކު ވަރަށް ގިނަ އަންހެނުން އަޅުގަނޑުމެންނާ ގުޅުނު،" އަނބިކަނބަލުންގެ ކެމްޕެއިނުގައި އިންޑޮނޭޝިއާގައި އުޅުއްވުމަށްފަހު މިހާރު ރާއްޖެގައި ހުންނެވި ހަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮންމެ ހަފްތާއަކުވެސް ކުރިއަށް ގެންދިޔައީ އެކްޓިވިޓީއެއް. މިސާލަކަށް ދީނީ ނަސޭހަތްދިނުން، އެހީ ބޭނުންވާ މީހުންނަށް އެހީވުން ކަހަލަ. އެ ކަންތަކަށްވެސް ވަރަށް ގިނަ މީހުންގެ ސަޕޯޓު ލިބުނު،" ސަރުކާރު ކޯލިޝަނަށް ތާއީދު ކުޑަ ސައުތު ޖަކާޓާގެ ގޮނޑި ކާމިޔާބު ކުރުމަށް ކުރި މަސައްކަތްތައް ހަލީމް ހިއްސާކުރެއްވިއެވެ. ހަލީމް ވިދާޅުވީ އަނބިކަނބަލުންގެ މެނިފެސްޓޯ މައިގަނޑުގޮތެއްގައި ބިނާކުރެއްވީ އަންހެނުން ބާރުވެރި ކުރުމުގެ މައްޗަށް ކަމަށެވެ.

ތަތީގެ ކެމްޕެއިން ޓީމް -- ފޮޓޯ: ހަލީމް

"ވިހެއުމުން ދޭ ޗުއްޓީ އިތުރުކުރުން ކަހަލަ ކަންތައް ހުށަހަޅާނެ ކަމަށް ކެމްޕެއިން ތެރޭ ވިދާޅުވި. އަންހެނުން ބާރުވެރި ކުރުމަށް ހަދާ ގާނޫނުތައް ހެދުމުގައި އަންހެނުންގެ ހިއްސާ އޮތުމުގެ މުހިއްމުކަން ކެމްޕެއިން ތެރޭ ފާހަގަކުރި،" ހަލީމް ވިދާޅުވިއެވެ. ހަލީމް ވިދާޅުވީ އެ ސަރަހައްދުގެ ވޯޓުލާ އާބާދީގެ ބޮޑު ބަޔަކީ އަންހެނުން ކަމަށާއި އަންހެނުންނާ ގުޅުންހުރި ވައުދުތަކާއެކު އަންހެނުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ކެމްޕެއިނަށް ލިބުނު ކަމަށެވެ.

ސެޕްޓެމްބަރު މަހު ހުވާކުރާ މަޖިލީހުގައި 575 ގޮނޑީގެ ތެރެއިން އަގުލަބިއްޔަތު ލިބުނީ ސަރުކާރު ކޯލިޝަނަށެވެ. މި މަހުގެ 17 ގައި އާންމު އިންތިހާބާއި ރިޔާސީ އިންތިހާބު ކުރިއަށް ގެންދިޔައީ އެކީގައެވެ. މިހާރުގެ ރައީސް ޖޯކޯ ވިދޯދޯ ވެސް ވަނީ ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންފައެވެ.