މިއަހަރު ޑިސެމްބަރު 2 ން 12 އަށް އިންޑިޔާގެ ދިއްލީގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ގުރުލުން އަންނަ މަހު ދެވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ނޭޕާލްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސައުތް އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން (ސާފް) ގެ ޖެނެރަލް ސެކްރެޓަރީ އަލްބާޓް ކޮލްކާއޯ ބުނެފިއެވެ.

"އަންނަ މަހު ދެވަނަ ދުވަހު ގުރުލާ ގޮތަށް ވަނީ ހަމަޖެހިފަ. ސައުތު އޭޝިޔާގެ މެމްބަރު ގައުމުތައް ސީޑު ކުރާ ގޮތުގެ ހުށަހެޅުން އެގައުމުތަކަށް މިއަދު ވާނީ ފޮނުވާފައި. އަހަރެމެން މިހާރު މި މަޑުކުރަނީ އެގައުމުތަކުގެ ޖަވާބަކަށް،" ސާފް ގެ ޖެނެރަލް ސެކްރެޓަރީ ކޮލްކާއޯ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕަށް އެއްވަނައަށް ސީޑްކޮށްފައި ވަނީ އިންޑިއާ އާއި ދިވެހިރާއްޖެ އެވެ. އެންމެ ފަހުގެ ޗެމްޕިއަނުންނަށް އިންޑިއާ ވެފައިވާއިރު، ދިވެހިރާއްޖެ އަކީ ރަނަރަޕް އެވެ. އެހެންކަމުން މިދެޓީމު ބެހިގެންދަނީ ދެ ގްރޫޕަކަށެވެ. ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އިންޑިއާ ހިމަނާފައިވާއިރު، ދިވެހިރާއްޖެ ހިމަނާފައި ވަނީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ދެ ގައުމުކަމަށްވާ ބަންގްލަދޭޝް އާއި ސްރީ ލަންކާއަކީ ދެވަނަ އަށް ސީޑުކުރާ ދެޓީމެވެ. ނޭޕާލް، ޕާކިސްތާން، ބޫޓާން އަދި ނޭޕާލް ސީޑު ކުރެވިފައެއް ނުވެއެވެ. މިއަހަރުގެ ފީފާ ރޭންކިންގައި ބޮޑު ކާމިޔާބީ އެއް ހޯދާފައިވާ ނޭޕާލް އަށް 1999 ވަނަ އަހަރުން ފެށިގެން ސާފް ޗެމްޕިއަންޝިޕް ގެ ގްރޫޕް ސްޓޭޖުން އަރައިގަނެވިފައެއް ނުވެއެވެ.

މިމުބާރާތުގައި ބައިވެރިވާ ބައެއް ގައުމުތަކުން ފަރިތަކުރުންތައް ފަށާފައިވާ އިރު، އަނެއްބައި ގައުމުތަކުގެ ފަރިތަކުރުންތައް ވަރަށް އަވަހަށް ފަށާނެ ކަމުގެ މަޢުލޫމާތު ލިބެއެވެ. އެންމެ ކުރިން މިމުބާރާތުގެ ފަރިތަކުރުންތައް ފަށާފައިވާ ޓީމަކީ ނޭޕާލް އެވެ. ނޭޕާލް މިހާރު ވަނީ އާސިއާން ސަރަހައްދުގެ ހަތަރު ގައުމަކަށް އެއް މަސް ދުވަހުގެ ފަރިތަކުރުންތައް ފުރާފައެވެ.

ރާއްޖޭގެ ގައުމީ ޓީމު އަންނަ މަހުގެ ތިން ވަނަ ދުވަހު ޖަރުމަނަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޓުއާ ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހު18 ވަނަ ދުވަހު އެވެ. މި ޓުއާގައި ޖަރުމަންގެ ދެވަނަ ޑިވިޝާނާއި ތިން ވަނަ ޑިވިޝަނުގެ ބައެއް ކްލަބުތަކާ ދެކޮޅަށް އެކުވެރިކަމުގެ ހަ މެޗު ގައުމީ ޓީމު ކުޅުމަށް ހަމަޖެހިފައި ވެއެވެ.

މުމުބާރާތް ބާއްވާ އިންޑިއާ އިން އަންނަ މަހު އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. ދެމެޗު މެލޭޝިއާ ގައި ކުރިއަށް ދާއިރު، އަނެއް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޒަމްބިއާ އާއެކު އެވެ.

އަންނަ މަހު ބަންގްލަދޭޝް އިން ވެސް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. ޕާކިސްތާނު ޓީމު ވެސް އަންނަ މަހު ތައިލޭންޑަށް ފުރުމަށް ހަމަޖެހިފައި ވެއެވެ. މިމުބާރާތުގައި ބައިވެރިވާ ބޫޓާން، އަފްޣާނިސްތާން އަދި ސްރީލަންކާގެ ފަރިތަކުރުންތައް ފަށާ ދުވަހެއް އެނގިފައެއް ނުވެއެވެ.