28 Apr 2019, 14:38
ކޮލަމްބޯ (އޭޕްރިލް 28): ސްރީލަންކާގައި އާދީއްތަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން އެގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓު (ސީއައިޑީ)އިން ހޯދަން އިއުލާން ކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ލަންކާގެ ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި މިއަދު ނަވަލަޕިޓިޔާއިން ހައްޔަރު ކޮށްފައި ވަނީ މުހައްމަދު ސާދިގު އަބްދުލްހައްގާއި މުހައްމަދު ޝަހީދު އަބްދުލްހައްގު ކިޔާ ދެ މީހުންނެވެ. އެއީ މިދިޔަ އާދީއްތަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން ސީއައިޑީން ހޯދަން އިއުލާން ކުރި ހަ މީހުންގެ ތެރެއިން ދެ މީހުންނެވެ.
އާދީއްތަ ދުވަހު ދިން ހަމަލާތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ސީއައިޑީން ފުރަތަމަ އާއްމު ކުރި ފޮޓޯތަކުގެ ތެރޭގައި އެމެރިކާ އަންހެނެއްގެ ފޮޓޯއެއްވެސް ހިމެނުނެވެ. އަދި ފަހުން ފުލުހުން ވަނީ އެއަންހެންމީހާއަކީ ތުހުމަތު ކުރެވޭ މީހެއް ނޫން ކަމަށް ބުނެ، މާފަށް އެދިފަ އެވެ.
އީސްޓާ ސަންޑޭގެ ހަމަލާތަކުގައި 253 މީހުން މަރުވެ، 500 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި އެހަމަލާތަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު މިހާރު ވަނީ 100އަށް އަރާފަ އެވެ.
ލަންކާގެ ސަރުކާރުން ބުނާ ގޮތުގައި އެހަމަލާތަކުގެ ފަހަތުގައި ވަނީ އެގައުމުގެ ހަނގުރާމަވެރި ދެ ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އާއި ޖަމިއްޔަތު މިއްލަތި އިބްރާހީމް (ޖޭއެމްއައި) އެވެ. އަދި އެންޓީޖޭގެ ލީޑަރު ކަމަށްވާ ޒަހްރާން ހާޝިމީ ވަނީ އެދުވަހުގެ ދިން ހަމަލާތަކުގެ ތެރެއިން ޝަންގްރިއްލާ ހޮޓަލުގައި ދިން ހަމަލާގައި އަމިއްލައަށް މަރުވެފަ އެވެ.