28 Apr 2019, 12:06
ހުޅުމާލޭ ހޮސްޕިޓަލުން އެމްއާރުއައިގެ ހިދުމަތް ދޭން ފަށައިފިއެވެ.
މިއަދު ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ތަރައްގީ ކޮށްފައިވާ ރޭޑިއޮލިޖީ ޑިޕާޓްމެންޓު ހުޅުވައިދެއްވައި، އެތަން ބައްލަވާލައްވައިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ފުރިހަމަ ސިއްހަތެއްގައި ތިބުމަށް ފަރުދީ ގޮތުން ކުރަން ޖެހޭ މަސައްކަތް ބޮޑު ކަމަށެވެ.
"ހޮސްޕިޓަލަކީ ފަރުވާގެ ފުރަތަމަ މަރުކަޒެއްނޫން. ފަރުވާގެ ފުރަތަމަ ފިޔަވަޅަކި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަރުދީގޮތުން ކުރަންޖެހޭ މަސައްކަތް،" މިނިސްޓަރު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރޯދަ މަހާއި ވިއްސާރަ މޫސުމުގައި ކުރިމަތިވެދާނެ ބަލިތަކުން ސަލާމަތްވުމަށް ފަރުދީގޮތުން އަޅަންޖެހޭ މަސައްކަތްތައް ކުރުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
ހުޅުމާލޭ ރޭޑިއޮލޮޖީ ޑިޕާޓްމެންޓަށް އިތުރު ބަދަލުތައް ކުރިއަށް އޮތްތަނުގައި އަންނާނެކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައި އެމްއާރުއައި މެޝިނެއް ބަހައްޓާފައިވީނަމަވެސް، އެތަނުން ހިދުމަތް ނުދެވޭކަން ހުޅުމާލެ ހޮސްޕިޓަލުން ފާހަގަކުރިއެވެ. އެ ހޮސްޕިޓަލު ހިންގުމާ ހަވާލުވެ ހުންނެވި ނާހިދާ ހަމީދު ވިދާޅުވީ އެމްއާރުއައި މެޝިނެއް ބަހައްޓާފައިވީނަމަވެސް، އެ ހިދުމަތް ނުލިބޭކަމުގެ ޝަކުވާ ލިބެމުންދިޔަ ކަމަށެވެ.
"އެމްއާރުއައި މެޝިނާއި ސީޓީ ސްކޭން މެޝިން މިތަނުގައި ހުންނަތާ ދުވަސްތަކެއްވެއްޖެ. ވަރަށް ފާޑުވެސް އަމާޒުވިކަމެއް. މިއަދު ހަމައެކަނި އެމްއާރުއައިގެ ހިދުމަތް ފެށުނު ނަމަވެސް ވަރަށް އަވަހަށް މެމޮގްރަފީ އަދި ސީޓީ ސްކޭންގެ ހިދުމަތް ފެށޭނެ،" ނާހިދާ ވިދާޅުވިއެވެ.
ހުޅުމާލެ ހޮސްޕިޓަލަށް 15 އަހަރު ވެފައިވާއިރު، ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ހޮސްޕިޓަލަށް ބޮޑު ތަރައްގީއެއް ވަނީ އައިސްފައެވެ. އެންމެ ފުރަތަމަ އަށްގަޑިއިރު ހިދުމަތް ދޭން ފެށި މި ހޮސްޕިޓަލުން މިހާރު 24 ގަޑިއިރު ހިދުމަތްދެއެވެ. އުމްރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން އަދި ހިދުމަތުގެ ގޮތުން އެ ހޮސްޕިޓަލަށް ބޮޑު ބަދަލެއް އައިސްފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުގައި ހުރި އޮންކޮލޮޖީ ޑިޕާޓްމެންޓުން ދޭ ހިދުމަތަށް ބަލިމީހުންގެ ތަރުހީބު ބޮޑެވެ.
ނާހިދާ ވިދާޅުވީ ހުޅުމާލޭގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުންދާއިރު، އާބާދީ އަށް ބޭނުންވާ ހިދުމަތްތައް ދިނުމުގައި ދަތިތައް އެބަހުރި ކަމަށެވެ. އެ ގޮންޖެހުންތަކާ ކުރިމަތިލައި، އެކަށީގެންވާ، ރަނގަޅު ހިދުމަތެއް ދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ ރޭޑިއޮލިޖީ ޑިޕާޓުމެންޓުން މިހާރުވެސް އަލްޓްރާ ސައުޑް ސްކޭނުގެ ހިދުމަތާއި އެކްސްރޭގެ ހިދުމަތް ދެއެވެ.