28 Apr 2019, 11:10
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުންގެ ތެރެއިން ކެމްޕޭނަށް ހޭދަކުރި ގޮތުގެ މާލީ ބަޔާން ހުށަނާޅާ ފަރާތްތަކާ މެދު އަމަލު ކުރާނެ ގޮތެއް މާދަމާ ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ބުނާގޮތުން އިންތިހާބު ބާއްވާތާ، 21 ދުވަސް ތެރޭ ކެންޑިޑޭޓުން، ކެމްޕޭނަށް ހޭދަކުރި ގޮތުގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. އެ މުއްދަތު ރޭ 12:00 އަށް ހަމަވެފައިވާއިރު، މާލީ ބަޔާން ހުށަނާޅާނީ 39 ކެންޑިޑޭޓެކެވެ.
އެ ކޮމިޝަންގެ މެންބަރު އަމްޖަދު މިއަދު "ސަން" އަށް ވިދާޅުވީ، މާލީ ބަޔާން ހުށަނާޅާ ކެންޑީޑޭޓުންނާމެދު ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށާއި މާލީ ބަޔާން ހުށަނާޅާ ކެންޑީޓުންނާމެދު އަމަލު ކުރާނެ ގޮތެއް ނިންމާނީ މާދަމާ ބާއްވާ ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ.
"[މާދަމާ] ކޮމިޝަންގެ ބައްދަލުވުމެއް ބާއްވާފައި، ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުއަޅާނެ،" މާލީ ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންނާ މެދު އަމަލުކުރާނެ ގޮތާ ގުޅޭ ގޮތުން ސުވާލުކުރުމުން އަމްޖަދު ވިދާޅުވި އެވެ.
މި މަހު ހަވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި 386 ކެންޑީޑޭޓުން ވާދަކުރެއްވި އިރު، މާލީ ބަޔާން ހުށަހަޅާފައިވަނީ، 347 ކެންޑިޑޭޓުންނެވެ.
މާލީ ބަޔާން ހުށަހަޅާފައި ނުވާ 39 ކެންޑީޑޭޓުންގެ ތެރެއިން، ގިނަ ކެންޑީޓުންނަކީ އަމިއްލަ ކެންޑޭޓުންނެވެ. އެގޮތުން 31 އަމިއްލަ ކެންޑިޑޭޓަކު މަލީ ބަޔާން ހުށަހަޅާފައިނުވާއިރު، ޕީޕީއެމްގެ ދެ ކެންޑިޑޭޓަކު، ޕީއެންސީ އާއި އަދާލަތު މިއިން ކޮންމެ ޕާޓީއަކުން އެއް ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅުއްވައިފައެއް ނުވެ އެވެ. އަދި އެމްޓީޑީއިން ދެ ކެންޑިޑޭޓަކު އަދި ލޭބާ ޕާޓީއިން ދެ ކެންޑިޑޭޓަކު ވެސް ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ.
ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޑީއާރުޕީގެ ހުރިހާ ކެންޑީޑޭޓުން ވަނީ މާލީ ބަޔާން ހުށަހަޅާފައެވެ.