ކޮލަމްބޯ (އޭޕްރިލް 28) -- މިދިޔަ ހުކުރު ދުވަހުގެ ރޭ ސްރީލަންކާގެ ފުލުހުންނާއި ގްރޫޕަކާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާދިނީ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ނިސްބަތްވާ ތިން ހަނގުރާމަވެރިން ކަމަށް އެޖަމާއަތުން ބުނެފި އެވެ.

އެހަމަނުޖެހުންތައް ހިނގީ، މިދިޔަ އާދިއްތަ ދުވަހު އެގައުމުގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ޝައްކުކުރެވޭ މީހުން ހޯދަން އެ ގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެހާދިސާ ހިނގީ އެގައުމުގެ ކަލްމުނައިގައި، އާދިއްތަ ދުވަހުގެ ހަމަލާ ދިން ކަމަށް ބެލެވޭ ޒަހްރާން ހާޝިމީގެ ގެޔާ ކައިރީގަ އެވެ.

އައިއެސްއާ ގުޅުން ހުރީ އަމާގް ނޫސް އޭޖެންސީން ނެރުނު ބަޔާނެއްގައިވާ ގޮތުން ފުލުހުންނާ އެކު ގާތްގަނޑަކަށް އެއް ގަޑިއިރުވަންދެން ހަމަލާ ބަދަލުކުރުމަށް ފަހު، އެމީހުންގެ ވަޒަން ހުސްވުމުން ބޮން ހަރުކޮށްފައިވާ ބެލްޓުތައް ގޮއްވާލީ އެޖަމާއަތުގެ މީހުންނެވެ. އެހަމަލާގައި 15 މީހުން މަރުވެފައިވާ އިރު އޭގެ ތެރޭގައި ހަ ކުޑަކުދިންނާއި ތިން އަންހެނުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އެކުރިމަތިލުމަށް ފަހު އެ ސަރަހައްދުގައި ހުރި ގެޔެއް ބަލައި ފާސްކުރުމުން ގޮވާ ތަކެއްޗާއި ޑްރޯންއެއް ފުލުހުންނަށް ފެނިފައިވާ ކަމަށް މިޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

ނަސާރާއިން ފާހަގަ ކުރާ އީސްޓާ ސަންޑޭގައި ދިން ހަމަލާތަކުގައި 253 މީހުން މަރުވެ، 500 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި އައިއެސްއިން އެހަމަލާގެ ޒިންމާ ނަގާފައިވާ އިރު ލަންކާއިން ބުނާ ގޮތުގައި ހަމަލާ ދީފައި ވަނީ އެގައުމުގެ ހަނގުރާމަވެރި ދެ ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހިދު ޖަމާއަތް (އެންޓީޖޭ) އާއި ޖަމިއްޔަތުލް މިއްލަތު އިބްރާހީމް (ޖޭއެމްއައި) ގުޅިގެންނެވެ. އެގައުމުން ވަނީ މިހާރު އެދެ ޖަމާއަތް ހަރަކާތްތެރިވުން މަނާކޮށްފަ އެވެ.