28 Apr 2019, 09:20
ސަލްމާން ޚާންގެ ފިލްމު 'ދަބަންގް 3' މި އަހަރުގެ ޑިސެމްބަރު 20ގައި ރިލީޒްކުރަން ތާވަލުކޮށްފި އެވެ.
އަލީ އައްބާސް ޒަފަރުގެ 'ބާރަތު'ގެ ޝޫޓިން ނިންމާލުމަށް ފަހު ސަލްމާން 'ދަބަންގް 3'ގެ ޝޫޓިން ފެށީ މި މަހުގެ ފުރަތަމަ ދުވަހު އިންޑިއާގެ އިންދޯރުގަ އެވެ.
'ދަބަންގް' ސީރީޒްގައި ސަލްމާން އަދާކުރާ "ޗުލްބުލް ޕާންޑޭ"ގެ ކެރެކްޓަރަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ކެރެކްޓަރެކެވެ. ފިލްމުގައި ސަލްމާން އާއެކު ފެނިގެން ދާނީ ސޮނާކްޝީ ސިންހާ އެވެ.
ޕްރަބޫދޭވާ ޑައިރެކްޓު ކުރާ 'ދަބަންގް 3'ގައި ފެނިގެންދާނީ ސަލްމާން "ޗުލްބުލް ޕާންޑޭ" އަށް ވީ ކިހިނެތް ކަމެވެ. ފިލްމުގައި ޗުލްބުލް ޕާންޑޭގެ މާޒީ ފެނިގެން ދާނެ އެވެ.
'ދަބަންގް'ގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. އެއަށް ފަހު 2012 ވަނަ އަހަރު 'ދަބަންގް 2' ރިލީޒް ކުރި އެވެ.