މަޖިލީހަށް ވާދަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ރޭ 12:00 އަށް ހަމަވިއިރު މާލީ ބަޔާން ހުށަނާޅަނީ 39 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުގައި، އިންތިހާބެއް ބާއްވާތާ 21 ދުވަހުގެ ތެރޭގައި އެ އިންތިހާބެއްގައި ވާދަކުރި ކެންޑިޑޭޓުން އެބޭފުޅެއްގެ މާލީ ބަޔާން އީސީއަށް ހުށަހަޅަން ޖެހެ އެވެ.

އީސީ އިން ބުނީ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ރޭ ހަމަވިއިރު މަޖިލިސް އިންތިހާބުގައި ވާދަކުރި 386 ކެންޑިޑޭޓުންގެ ތެރެއިން 347 ކެންޑިޑޭޓަކު ވަނީ މާލީ ބަޔާން ހުށަހަޅައިފަ އެވެ.

ސުންގަޑިއަށް ބަޔާން ހުށަނޭޅިއްޖެ ނަމަ، އިންތިހާބާ ބެހޭ އާންމު ގާނޫނު އޮންނަ ގޮތުން އެއީ ކުށެކެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުގައި ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި 24،000ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެ އެވެ.

އީސީއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރެއްވި ބޭފުޅުން އެވެ. އެގޮތުން އަމިއްލަ ގޮތުން ވާދަކުރެއްވި 31 ކެންޑިޑޭޓަކު ބަޔާން ހުށަނާޅުއްވަ އެވެ. އަދި ޕީޕީއެމްގެ ދެ ކެންޑިޑޭޓަކު ބަޔާން ހުށަނާޅުއްވާ އިރު، ޕީއެންސީ އާއި އަދާލަތު މިއިން ކޮންމެ ޕާޓީއަކުން އެއް ކެންޑިޑޭޓަކު ބަޔާން ހުށަހަޅުއްވައިފައެއް ނުވެ އެވެ. އެމްޓީޑީއިން ދެ ކެންޑިޑޭޓަކު އަދި ލޭބާ ޕާޓީއިން ދެ ކެންޑިޑޭޓަކު ވެސް ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ.

އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއިން ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ސުންގަޑީގެ ކުރިން އެބޭފުޅުން މާލީ ބަޔާން އީސީއަށް ހުށަހަޅުއްވައިފަ އެވެ.