ލިއޮނަލް މެސީގެ ހިތްގައިމު ގޯލާއެކު ލެވެންޓޭ ބަލިކޮށް ބާސެލޯނާ އިން 11 އަހަރުތެރޭ އަށްވަނަ ލީގު ތަށި ހޯދައިފިއެވެ.

ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު އެ މެޗް އެ ޓީމުން ކާމިޔާބުކުރީ 0-1ގެ ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ނުވަ ޕޮއިންޓްގެ ފަރަގެއް ބާސެލޯނާއިން ވަނީ ނަގާފައެވެ. އަދި ބާކީ ތިން މެޗު ކުޅެން އޮތުމާއެކު އެ ޓީމަށް މިހާރު ވަނީ ތަށި ޔަގީންވެފައެވެ.

ބާސެލޯނާއިން ޖެހިޖެހިގެން ދެވަނަ އަހަރު ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރޭ ހޯދިއިރު އެއީ އެ ޓީމް މިހާތަނަށް މި މުބާރާތް ކާމިޔާބުކުރި 26 ވަނަ ފަހަރެވެ. މި ތަށި އެންމެ ގިނައިން ހޯދި ރިއަލް މެޑްރިޑް 33 ފަހަރު ތަށި ހޯދާފައިވެއެވެ.

ރޭ ކުޅުނު އެ ފޯރިގަދަ މެޗުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ފުރަތަމަ 11ގައި ހިމަނާފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފްގައި ކުޅެން ނުކުމެ އޭނާ ވަނީ ތަފާތު ދައްކައި މެޗުން ބާސާ މޮޅުކޮށްދީފައެވެ. މެޗު ކާމިޔާބުކޮށް ލީގު ކަށަވަރުކުރިއިރު އެއީ މެސީ ބާސެލޯނާ އާ އެކު އެ ތަށި ހޯދި 10 ވަނަ ފަހަރެވެ. އަދި މިއަހަރުގެ ތަށްޓާއެކު އޭނާ ވެގެން ގޮސްފައިވަނީ ބާސެލޯނާގެ ތާރީހުގައި ވެސް އެންމެ ގިނަ ލީގު ތަށި ހޯދި ކުޅުންތެރިޔާ އަށެވެ.

ޗެމްޕިއަންކަން ހޯދުމަށްފަހު ކުޅުންތެރިން ތަށްޓާއެކު--- ފޮޓޯ/ސްޕޯޓްސް ސްޓާ

މީގެ އިތުރުން ބާސެލޯނާ އާއި މިއަހަރު އަލަށް ގުޅުނު އަރްތޫރޯ ވިޑާލް އަށް ވެސް އެ ތަށްޓަކީ ވަރަށް ހާއްސަ ތަށްޓެކެވެ. މިއީ އޭނާ ލީގު ތަށި އެކި ޓީމްތަކާ އެކު ޖެހި ޖެހިގެން ހޯދި އަށް ވަނަ ފަހަރެވެ. މީގެ ކުރިން ބަޔާން އަށާއި ޔުވެންޓަސް އަށް ވެސް ކުޅެފައިވާ ވިޑާލް އަންނަނީ ބާސެލޯނާ އެކު މޮޅު ކުޅުމެއް ދައްކައި ކޯޗުގެ އިތުބާރު ހޯދަމުންނެވެ.

ބާސެލޯނާއިން މި ސީޒަނުގައި ތިން ތަށްޓަށް އަމާޒު ހިފާފައިވާއިރު މި ތަށްޓަކީ އެކަމުގެ ފެށުމެވެ. ލޭގު ކަޕް (ކޮޕަ ޑެލް ރޭ) ގެ ފައިނަލަށް އެއްކޮޅުން ގޮއްސައިވާ ބާސެލޯނާ ވަނީ ޗެމްޕިއަންސް ލީގުގެ ވެސް ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ވީމާ އެ ޓީމަށް މި ސީޒަނުގެ އަމާޒު ހިފުމުގެ ފުރުސަތު އޮތީ ވަރަށް ބޮޑަށް ފަހިވެފައެވެ.