28 Apr 2019, 08:05
އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރާއްޖޭގެ ވެރިކަމާ ހަވާލުވާނެ ކަމަށް އެޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެންސީ އިން ވަނީ އެޕާޓީގެ ދާއިމީ ލީޑާޝިޕް އިންތިހާބު ކުރުމަށް އެޕާޓީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލިސް ބާއްވާފައެވެ.
ބިލަބޮންގް ހައި އިންޓަނޭޝަލް ސުކޫލުގައި ރޭ ބޭއްވި އެޕާޓީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ،
އަދުރޭ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި "ދެނެއް ކޮންގްރެސް ޕާޓީގެ އަޑެއް ކަޑުވައެއް" ނުލެވޭނެ ކަމަށާއި ރާއްޖޭގެ ސިޔާސީ މައިދާނުގައި ދެން ގޮތް ނިންމާނެ ޕާޓީ އަކީ އެޕާޓީ ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ޕީއެންސީ ތެދުވާނީ ފިސާރި ސާބިތު ކަމާއެކު ކަމަށާއި ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދީ، މުސްތަގުބަލު އުޖާލާ ކޮށްދޭނެ ޕާޓީ އަކީ ވެސް އެ ޕާޓީ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ބުނަން ޖެހޭ ބަސް ބުނާނީ ނިކަން ކެރިގެން. ކުރަން ޖެހޭ ކަންތައް ކުރާނީ ނިކަން ސާބިތުކަމާއެކު. ކޮންގްރެސް ޕާޓީ މިރާއްޖޭގެ ރިޔާސަތާ ހަވާލުވުމާމެދު އަޅުގަނޑު ހިތުގައި އެއްވެސް ޝައްކެއް ނެތް،" އަދުރޭ ވިދާޅުވިއެވެ.
"ކޮންގްރެސް ޕާޓީއަކީ ދެން ވެރިކަމާ ހަވާލުވުމުގެ ގާބިލުކަން އެންމެ ބޮޑަށް ލިބިފައި އޮތް ޕާޓީކަން ރައްޔިތުން ހެޔޮ ހިތުން އާ އެކޭ ބުނޭ. ތިޔަބޭފުޅުންގެ އުންމީދުގައި ކުލަ ޖައްސައިދޭނީ ކޮންގްރެސް ޕާޓީން. ތިޔަބޭފުޅުންގެ މުސްތަގުބަލު އުޖާލާ ކޮށްދޭނީ ކޮންގްރެސް ޕާޓީން،" މިދިޔަ ހުކުުރު ދުވަހު ބޭއްވި އެޕާޓީގެ ކޮންގްރެސް އިން ޕާޓީގެ ރައީސް ކަމަށް އައްޔަން ކޮށްފައިވާ އަދުރޭ ވިދާޅުވިއެވެ.
ޕީއެންސީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި އަދުރޭ ވާހަކަފުޅު ދައްކަވަނީ: އަދުރޭ ވިދާޅުވީ، ޕީއެންސީ އަކީ ދެން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ގޮތް ނިންމަވާނެ ޕާޓީ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަދުރޭ ވިދާޅުވީ، ޕީއެންސީ އުފެދިގެން އައީ "ރާއްޖެ ދުއް އެންމެ ކާމިޔާބު ސިޔާސީ ލީޑަރު"، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވިސްނުނުންފުޅު ތެރެއިން ކަމަށާއި އެޕާޓީގެ ހަގީގީ ވެރިޔަކީވެސް ރައީސް ޔާމީން ކަމަށެވެ.
ރައީސް ޔާމީން އަކީ ސިޔާސީ ޕާޓީތައް އުފެއްދުމަށް ފަރިތަ ބޭފުޅެއް ކަމަށާއި އެގޮތުން ޑީއާރުޕީއާއި ޕީޕީއެމް، ޕީއޭ އަދި ޕީއެންސީ އުފުއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީވެސް އެމަނިކުފާނު ކަމަށެވެ. އަދި މުސްތަގުބަލުގައި ރައީސް ޔާމީން ހުންނަވާނެ ކަމަށް ޔަގީން ކުރާ ޕާޓީ އަކީ ޕީއެންސީ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"މިއަދު ރައީސް ޔާމީން އެންމެ ލޯބިވާ، އެމަނިކުފާނު އެންމެ އުފައްދަވާ ހިތުން އުފެއްދެވި އަދި އެމަނިކުފާނުގެ ޝައުގުވެރިކަން އެ ޕާޓީއަކަށް އެންމެ ބޮޑަށް އޮތް އަދި މުސްތަގުބަލުގައި އެ ޕާޓީގައި އެމަނިކުފާނު ހުންނަވާނެ ކަމަށް އަޅުގަނޑުމެން ޔަގީންކުރާ ޕާޓީ އަކީ ކޮންގްރެސް ޕާޓީ،" އަދުރޭ ވިދާޅުވިއެވެ.
އޭޕްރީލް 28، 2019: ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފުރަތަމަ ކޮންގްރެސް ނިންމާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރަސްމިއްޔާތުގައި އަދުރޭ އިތުރަށް ވިދާޅުވީ، ދެޕާޓީ އަކީ ވަކިނުކުރެވޭނެ ދެ ޕާޓީ ކަމަށާއި ވާދަވެރި ފަރާތްތަކަށް ދެޕާޓީ ވަކި ނުކުރެވޭނެ ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫނަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އަދުރޭ ވަނީ ވާހަކަ ދައްކަވާފައެވެ.
މިދިޔަ ހުކުުރު ދުވަހު ބޭއްވި އެޕާޓީގެ ކޮންގްރެސްގައި ވަނީ ހަތަރު ނައިބު ރައީސަކު އިންތިހާބު ކޮށް ޕާޓީގެ މަޝްވަރާ މަޖިލީހަށް މެމްބަރުން އިންތިހާބު ކޮށްފައެވެ. ކޮންގްރެސްގައި އަދުރޭ ރައީސް ކަމަށް އައްޔަންކޮށްފައިވަނީ، ވޯޓަކާ ނުލައެވެ. އެއީ ރައީސްކަމަށް ކުރިމަތި ލެއްވީ އޭނާ އެކަނި ކަމަށް ވާތީއެވެ. މީގެ އިތުރުން ކޮންގްރެސްގައި ވަނީ އެޕާޓީގެ އަސާސީ ގަވާއިދަށް ތިން އިސްލާހެއް ހުށަހަޅާ ފާސްކޮށްފައެވެ.
ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި އިންތިހާބު ވެފައިވަނީ، މާވަށު ދާއިރާގެ އިންތިހާބީ މެމްބަރު މުހަމަދު ސައީދާއި ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސަައިން މަނިކާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އަދި ލަންކާގެ ކުރީގެ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ.
ރޭ ބޭއްވި އެޕާޓީގެ ކޮންގްރެސް ނިންމުމެގެ ރަސްމިއްޔާތަށް ރައީސް ޔާމީން ވަޑައިގަތުމަށް ހަމަޖެހިފައިވީ ނަމަވެސް އެމަނިކުފާނު ވަޑައިނުގަންނަވައެވެ. ރައީސް ޔާމީން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންވީ ހާލަތު ހުރި ގޮތުން ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.