ވަގުތު އޮއްވާ ފިހާރަތަކަށް ނުކުމެ ކުރިޔާލައި ތަކެތި ހަމަކުރަން ޖެހުމަކީ މީގެ އަހަރެއްހާ ދުވަހާ ޖެހެންދެން ވެސް އޮތް ގޮތެވެ. ފިހާރައެއް ހުޅުވާފައި ހުންނާނީ ރޭގަނޑު 11:00 ޖަހަންދެނެވެ. ނަމަވެސް މީގެ ހަމަސްކުރިން ރަސްމީ ސިފައެއްގައި އެ އާދަ ވަނީ ބަދަލުވާން ފަށައިފަ އެވެ. މާލޭގެ ވަރަށް ގިނަ ހިސާބުތަކުގައި މިހާރު 24 ގަޑިއިރު ވިޔަފާރީގެ ހިދުމަތްދޭ ފިހާރަތައް އެބަހުއްޓެވެ.

"އަޅުގަނޑުމެން ހަތަރު މުވައްޒިފުންނާއެކު ކޮންމެރެޔަކުވެސް މަސައްކަތް ކުރަނީ 24 ގަޑިއިރު. ބަންދުކޮށްލަނީ ބަންގީގަޑިތަކަށް. އެގަޑިތަކުގައި ފިހާރަތެރެ ފޮޅާ ސާފުކޮށްލުން އޮންނާނީ،" މާލޭގައި ފުރަތަމަ 24 ގަޑިއިރު ވިޔަފާރި ކުރަން ފެށި ސޯސަންމަގުގައި ހުންނަ "ނިއު ޗެއިން" ފިހާރައިގެ ސޭޓު މުހަންމަދު އާދިލް ބުންޏެވެ.

ރޭގަނޑު ދަންވަރާއި މެންދަމުން މާލޭގެ 24 ގަޑިއިރު ފިހާތައް އޮންނަނީ ކަސްޓަމަރުން ފުރިފަ އެވެ. ސޭޓު އާދިލް ބުނީ ކޮންމެ ރެއަކު ވެސް 11:00 އިން ފެށިގެން މެންމަދު 3:00 ޖެހެމުދާ ތެރޭއަކީ އެންމެ ބާރުބޮޑުވާ ގަޑި އެވެ. އެގަޑީގައި އެކަނިވެސް ސޭލްސްއަށް 5000ރ. އާއި 6000ރ ލިބޭކަމަށް އޭނާ ބުންޏެވެ.

http://sun.mv/albums/l_2038.jpg

ސައުވީގަޑިއިރު ފިހާރަތަކުން ބުނީ ގިނަ ވިޔަފާރިވި ނަމަވެސް 24 ގަޑއިރަށް ފިހާރަ ހުޅުވައިގެ ތިބެނީ ހަމަ އެކަނި ފައިދާއަކަށް ބެލިގެނެއް ނޫނެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ އާންމު ރައްޔިތުންނަށް ފަސޭހަކޮށްދިނުން. އާންމުންގެ ވެސް އެއްބާރުލުން ހަމަ ވަރަށް ރަނގަޅު،" އާދިލް ބުންޏެވެ.
ސައުވީސް ގަޑިއިރުގެ ވިޔަފާރިއާއެކު ވިޔަފާރީގެ ވެއްޓަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަމަށް އެފަދަ ބައެއް ފިހާރަތަކުން ބުނެ އެވެ. އޭގެ ތެރޭގައި އެކި ވައްތަރުގެ ގިނަ އައިޓަމްތަކެއް ސްޓޮކްގައި ހިމެނުމަކީ ދަންވަރުގެ ވިޔަފާރިއަށް ވަރުގަދަވެގެންދާ ކަމެއް ކަމަށް އެމީހުން ބުނެ އެވެ.

"މިސާލަކަށް މީހަކު އަތުވެދާނެ ބޮތްކެއް އަދައިގެން. ނޫނީ އިސްކުރެއްގެ މައްސަލަ ޖެހިގެން. އެކަހަލަ ފަހަރު ފަހަރުގައި އެކަހަލަ އައިޓަމްތައްވެސް ހުންނަންޖެހޭނެ. އެގޮތުން މި ކޮޅުން އިސްކަންދެން ވީހާވެސް ގިނަ އައިޓަމްތަށް ހިމަނާފައި ބަހައްޓަން،" ފިހާރައެއްގެ ސޭޓު ބުންޏެވެ.

މަޖީދީމަގުގައި ހުންނަ ބިޔަ ސްޕަސްޓޯރު "ހަގީގީ ބޮޑު ސޭލް" އެއީ ވެސް 24 ގަޑިއިރު ހިދުމަތްދޭ ފިހާރައެކެވެ. ދެ ބުރިއަށް ހުންނަ އެ ފިހާރަ ވެސް ހުހަށް އޮންނަ ވަގުތެއް ނުދެ އެވެ.

"ހަމަ ވަރަށް ބަރާބަރު. ގިނަ މީހުން އައިސްވިޔަފާރި ކުރޭ. އުފަލުން ގިނަ މީހުން ތިބެނީ. އާންމުކޮށް ވީކެންޑް، ފުޓް ބޯޅަ މެޗްތައް އޮންނަ ރޭރޭ ވަރަށް ރަނގަޅު،" އެ ފިހާރައިގައި ސޭޓަކު ބުންޏެވެ.

މިހާރު މާލޭގެ އެކި ދިމަދިމާގައި 24 ގަޑިއިރުގެ ވިޔަފާރިއަކީ ވަރުގަދަވަމުން އަންނަ ވިޔަފާރިއަކަށް ވަނީ ވެފަ އެވެ. މާފަންނުގައި ހުންނަ އެފަދަ ފިހާރަތަކުގެވެސް ސޭލްސް ވަރަށް "ބަރާބަރު" ކަމަށް އެ ފިހާރަތަކުން ވާހަކަދެއްކި މީހުންވެސް ބުންޏެވެ. އެ ގަޑީގައި އާންމުކޮށް ލުއިކާނާ އާއި ކެއްކުމަށް ބޭނުންކުރާ ތަފާތު ބާވަތްތައް ވިކޭއިރު އޭނާޖީ ޑްރިންކާއި ނޫޑްލްސް އަކީ ދަންވަރު އެންމެ ތަރުހީބު ބޮޑު ބާވަތެވެ.

"ނޫޑްލްސް މަސްދަޅު ލުއިކާނާގެ އެކި ބާވްތައްތައް ވަރަށް ހިނގާ. އަދި އެނާޖީ ޑުރިންކަކީވެސް ވަރަށް ބާރު ބޮޑު އެއްޗެއް،" މާފަންނު ކޮޅުގައި ހުރި 24 ގަޑިއިރު ހުޅުވާފައި ހުންނަ ފިހާރައިގެ ވެރިޔަކު ބުންޏެވެ.

މެންދަމު ވިޔަފާރިކުރުމަކީ ކަސްޓަމަރުންނަށް ފަސޭހަކަމަކަށް ބޮޑު ފަސޭހައަކަށް ވިޔަސް ވިޔަފާރި ހިންގާ ފަރާތްތަކަށް ވަގުންގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެ އެވެ. ނިއުޗެއިންގެ ސޭޓު އާދިލް ވިދާޅުވީ ރޭގަނޑު ދަންވަރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ ވައްކަން ކުރުން ޝޮޕް ލިފްޓް ކުރުމުގެ މައްސަލަ ކަމަށެވެ. ބައެއް ފިހާރަތަކުން ބުނީ ކޮންމެ ރެއަކު ވެސް ވަގު ހިފޭ ކަމަށެވެ.

"ބައެއް މީހުން ސިއްރު ކަންތައްތައް ކޮއްލާ މައްސަލަ މި އޮންނަނީ. އެހެން ނޫނީ އަނެއްހެން މާބޮޑު މައްސަލައެއް ނެތް. ފުލުހުންވެސް އެއްބާރުލުން ދެއްވާ. އެބޭފުޅުންވެސް އައިސް އެހެން ބައްލަވާ ލައްވާ،" އާދިލް ބުންޏެވެ.

"އަސްލު ވަރަށް ފަސޭހަވޭ ހަފުތާ ބަންދުގައި ބުރު ޖަހާލާފައި ބޭނުންވާ އެއްޗިހި ގަނެލަން. ކުރިން ނަމަ ހެނދުނު ހޭލުމުން ނޫނީ އެކައްޗެއްވެސް ނުލިބޭނެ،" ޒުވާން ކުއްޖަކު ބުންޏެވެ.