27 Apr 2019, 21:09
އާދިއްތަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން އެގައުމުގެ ހައްދުފަހަނަ އަޅާފައިވާ ދެ ޖަމާއަތެއް ހަރަކާތްތެރިވުން މަނާކޮށްފިއެވެ.
ރައީސް މައިތިރިޕާލާ ސިރިސޭނާގެ އޮފީހުން ބުނީ ނޭޝަނަލް ތައުހީދު ޖަމާއަތާއި ޖަމާތެއި މިއްލަތު އިބްރާހިމްގެ ހަރަކާތްތައް ކުރިއަށް ގެންދިޔުން ހުއްޓުވާފައިވަނީ ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
ތައުހީދު ޖަމާއަތަކީ ލަންކާގައި ދިން ހަމަލާތައް ރާވާ ކުރިއަށް ގެންދިޔަ ކަމަށް ބުނާ ޖަމާއަތެވެ. އެ ޖަމާއަތުން ރާވައިގެން ހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު ލަންކާގެ އިންޓެލިޖެންސަށް ލިބުމުން އެކަމާ ބެހޭ މެމޯއެއް ނެރުނު ކަމަށް ވަނީ ބުނެފައެވެ.އެ ޖަމާއަތަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައެވެ.
އާދިއްތަ ދުވަހު ލަންކާގައި ދިން ހަމަލާތަކާ ގުޅިގން 70 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު މީގެ ތެރޭގައި ހަމަލާ ދިން މީހުންނާއި އެމީހުންނާ އާއިލީގޮތުން ގުޅުން ހުރި މީހުންވެސް ހިމެނެއެވެ. މި ހަމަލާ ތަކުގައި 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށް ކޮންމެ ރެއެއްގެ 10 އިން ފަތިހު ހަތަރަކަށް ލަންކާގައި ދަނީ ކާފިއު ހިންގަމުންނެވެ.
މީގެ އިތުރުން ޓެރަރިސްޓުން އުޅޭތޯ ބެލުމަށް އެގައުމުގެ މީހުން އުޅޭ ހުރިހާ ގެއެއް ޕާސްކުރުމުގެ އޮޕަރޭޝަނެއްވެސް ސިފައިންނައި ފުލުހުން ކުރިއަށް އެބަގެންދެއެވެ.